ކެންސަރަށް މަގުފަހިވާ ބާވަތްތަކެއް ހުރިކަމަށް ބެލެވޭތީ، އިނގިރޭސިވިލާތުގެ ބާޒާރުން އަނެއްކާވެސް ގިނަ އަދަދެއްގެ ބޭސްތަކެއް ނެގުމަށް ނިންމައިފިއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ގިނަ އަދަދެއްގެ ބޭސްތަކެއް ނަގަނީ އޭގައި ރޮކެޓް ފިއުލް ނަމަކަށް ކިޔާ ބާވަތެއް ހުރުމުންނެވެ.

"އެކޯޑް" ނަމަކަށް ކިޔާ ބްރޭންޑެއްގެ ބޭސްތަކެއް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި މަސައްކަތް ކުރަމުން ދަނީ އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްސްޓް ރެގިއުލޭޓަރީ އޭޖެންސީ އިންނެވެ.

މިކަން ތަހުގީގު ކުރަމުންދާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެކޯޑް ބްރޭންޑުގެ އެންޑީއެމްއޭ ނަމަކަށް ކިޔާ މި ބޭސް އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމުގައިވާ ޝެއިޖިންގ ހުއާހައި އިންނެވެ.

މީގެކުރިން، މި ކުންފުނިން ފޯރުކޮށްދީފައި ހުރި ބޭހުގެ ހަތް ބެޗެއް ބާޒާރުން ނަގާފައިވާއިރު، ފަހުން ބާޒާރުން ނެގުމަށް އަންގާފައިވަނީ ހަތަރު ބެޗެއްގެ ބޭހެވެ.

ކަމާ ބެހޭ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ކެންސަރު ޖައްސާ ބާވަތްތަކެއް ހުރުމުގެ ސަބަބުން ބާޒާރުން އުފެއްދުންތައް ނަގަން ނިންމި ކަމުގައިވިޔަސް، އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވަތަ ބައްޔެއް ޖެހިފައިވާކަމުގެ އެއްވެސް ރިޕޯޓެއް އަދި ކޮށްފައި ނުވެއެވެ.

ޑޮކްޓަރުންނާއި ފާމަސިސްޓުންގެ ލަފާއާ ނުލައި ބޭސް ނުގަތުމަށްވެސް އެޤައުމުގެ ރައްޔިތުންނަށްވަނީ އަންގާފައެވެ.