ކެނެޑާގައި ހުރި އެންމެ ނުރައްކާތެރި އެއް އަންހެން ކުއްވެރިޔާ ކަމަށްވާ އުމުރުން 25 އަހަރުގެ ލެއިޓިޓިއާ އެންގެލިކިއު އެކޭރާ ހައްޔަރުކޮށް އޭނާގެ މައްޗަށް ޖުމްލަ 115 ދައުވާއެއް އުފުލައިފިއެވެ.

ފިލައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ފުލުހުންނަށް އެކޭރާ ހައްޔަރު ކުރެވުމުން ފުލުހުން ވަނީ އެކަން ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. އެކޭރާ ހައްޔަރު ކުރަން ފުލުހުންނަށް އުނދަގޫވީ އޭނާ ނަން ބަދަލުކޮށްގެންނާއި ސިފަ ބަދަލުކޮށްގެން އުޅުމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އެކޭރާ ހޯދަމުން ދިޔައީ ބިރުދެއްކުމާއި، މީހުންނަށް ހަމަލާ ދިނުމާއި، މަކަރާއި ހީލަތުން ފައިސާ ހޯދުމާއި، ހުއްދަނެތި ތަންތަނަށް ވަނުމާއި ވެހިކަލް ވަގަށް ނެގުން ފަދަ މައްސަލަތަކުގައެވެ.

އެކޭރާ މިހަފްތާގައި ހައްޔަރު ކުރެވިފައި މިވަނީ މިދިޔަ ސެޕްޓެމްބަރ މަހުން ފެށިގެން އޭނާ ހައްޔަރު ކުރަން ކޯޓު އަމުރު ނެރެގެން ފުލުހުން މުޅި ކެނެޑާގައި އަތްފުނާއަޅަމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެކޭރާ ހައްޔަރުކޮށް އޭނާ އާއި ގުޅުން ހުރި މައްސަލަތަކުގެ ތަޙްޤީޤުތައް މިހާރު އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ. އޭނާ ފިލައިގެން އުޅެން އެއްވެސް މީހަކު ނުވަތަ ބަޔަކު އެހީތެރިކަން ފޯރުކޮށްދީފައި ވާނަމަ އެމީހަކު ނުވަތަ އެބަޔަކު ވެސް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އެކޭރާގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ އެތައް ޖަލު ޙުކުމެއް އޭނާގެ މައްޗަށް އައުން އެކަށީގެންވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެކޭރާގެ މައްޗަށް ކުރާ ބައެއް ދައުވާތަކުގެ ޝަރީޢަތް އަންނަ ހަފްތާގައި ފަށާނެއެވެ.