އަވަށްޓެރި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ގެއެއްގެ މެންބަރަކު، އެޤައުމުގައި ތިބި ބައެއް ފަރާތްތަކަށް ބޮން އަޅަން ޖެހޭކަމަށް ބުނެފިއެވެ. ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ މެންބަރަކު މިހެން ބުނެފައިވާއިރު، ބޮން އަޅަން ޖެހެނީ އިންޑިޔާ އަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ނުދެކޭ މީހުންނަށްކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެންގެ އަމިއްލަ ވިސްނުމަކީ، އިންޑިޔާ އަކީ ދިރިއުޅެން ރައްކާތެރި ތަނެއް ނޫންކަމުގައި ބުނާ ކޮންމެ މީހެއްގެ ގަޔަށް ބޮން އަޅަން. އަހަރެންނަށް މިނިސްޓްރީ އެއް ހަވާލު ކުރޭ. އޭރުން އަހަރެން އެމީހުންނަށް ބޮން އަޅާނަން." ސައިނީ ނަމަކަށް ކިޔާ މެންބަރަކު ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެމީހާ ބުނެފައިވަނީ ޤައުމު ދެކެ ލޯބި ނުވާ މީހުން ޤައުމުގައި ދިރިއުޅެގެން ނުވާނެކަމަށާއި އެހެންކަމުން އެމީހުންގެ ގަޔަށް ކޮންމެހެންވެސް ބޮން އަޅަން ޖެހޭނެކަމަށެވެ.

ސައިނީ އަކީ މީގެކުރިންވެސް މިފަދަ ބައެއް ވާހަކަ ދައްކާފައިވާ މީހެކެވެ. އެގޮތުން، އެޤައުމުގައި ހިންދޫ އިން ޚާއްޞަ ސަމާލުކަމެއް ދޭ ގެރިއަށް އިހާނެތިކޮށް ހިތާ ފަރާތްތަކުގެ ހަތަރެސްފައި ބިންދާލަން ޖެހޭކަމަށް މީގެކުރިން އޭނާ ބުނެފައިވެއެވެ.

މީގެއިތުރުން، މި މެންބަރަކީ މުސްލިމުންނާ ދެކޮޅަށްވެސް ވާހަކަ ދައްކާފައިވާ މީހެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، އެޤައުމުގައި މުސްލިމުން ދިރިއުޅެން ފުރުސަތު ދީފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތް ލީޑަރުންކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މޯދީގެ ޕާޓީ އިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.