ސްވިމިންގ ޕޫލެއްގެ ތެރޭގައި ގެނބެމުންދިޔަ އުމުރުން 34 އަހަރުގެ ފިރިހެނަކު ސަލާމަތް ކޮށްދިން އުމުރުން 11 އަހަރުގެ ކުއްޖަކަށް އެތައް ބައެއްގެ ތައުރީފު ލިބެމުން އެބަދެއެވެ. އުމުރުން އެންމެ 11 އަހަރުގެ މި ކުއްޖާގެ ނަމަކީ އަދުވައިކް ނަންދިކޮތުކުރު އެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މި ކުއްޖާ އެމީހާ ސަލާމަތްކޮށްދީފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، އެމެރިކާގެ މިނެސޮޓާގައި ހުންނަ އިންޑޯ ސްވިމިންގ ޕޫލް އެއްގެ ތެރެއިންނެވެ.

މި ސްވިމިންގ ޕޫލުގެ ތިލަ ހިސާބުގައި ހުއްޓާ، އެމީހާ ކުއްލިއަކަށް ފުން ހިސާބަށް ވެއްޓި ގެނބެމުން ދިޔައިރު، އެވަގުތު އެތަނުގައި ހުރި ފަތަން ދަންނަ މީހަކީ ހަމައެކަނި މި ކުއްޖާއެވެ. މި ކުއްޖާވަނީ ޖެހިލުމެއް ނެތި ޕޫލުގެ ތެރެއަށް ފުންމާލުމަށްފަހު އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުއްޖާވަނީ މި މީހާގެ އަތުގައި ހިފުމަށްފަހު، ދަމައިގެން ސްވިމިންގ ޕޫލުގެ އެއް ފަރާތަކަށް މީހާ ގެންގޮސްފައެވެ. އޭރު އެމީހާ އޮތީ ހޭނެތިފައިކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އެސަރަޙައްދަށް ފުލުހުން ދިޔައިރުވެސް އެމީހާ އޮތީ ހޭނެތިފައިކަމަށް އެމީހާ ބުނެފައިވެއެވެ.

އަދުވައިކް ބުނެފައިވާ ގޮތުގައި އޭނާ ފުންމާލީ މަންމަވެސް އެކަމަށް އެދުމުންނެވެ. އެމީހާ ވަރަށް ބަރުކަމަށާއި އެހެންނަމަވެސް، އެކަން ކާމިޔާބު ކުރެވުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ފުލުހުންވެސް ވަނީ މި ކުއްޖާއަށް ތައުރީފު ކޮށްފައެވެ. އެގޮތުން ކުއްޖާ އެއްވެސް ވަރަކަށް ހާސްނުވާކަމަށާއި، ހަމަޖެހިލައިގެން ހުރެ އެކަންތައް އެކުއްޖާ ކުރިކަމަށްވެސް ބުނެފައިވެއެވެ.