މަޝްހޫރު ކޮސްމެޓިކް ބްރޭންޑް "ވިކްޓޯރިއާސް ސީކްރެޓް"ގެ މޮޑެލް ސާރާ ސެމްޕީއޯ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ.

އެންޖަލްސްގެ ނަމުން މަޝްހޫރުވެފައިވާ މޮޑެލް ސާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ އޭނާގެ ލޯބިވެރިޔާ އޮލިވާ އާއި އެކުގައެވެ.

ސާރާ ޗުއްޓީ ހޭދަ ކުރަމުންދާ ކަމަށްވަނީ މަތީ ފެންވަރުމަތީ ރިސޯޓެއް ކަމަށްވާ ނ.ރަންދެލި ރިސޯޓުގަ އެވެ.

ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯތައް ސާރާ އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގައި ހިއްސާކުރަމުން ދާއިރު އޭނާ ދަނީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

ޕޯޗުގަލްއަށް އުފަން އުމުރުން 23 އަހަރުގެ ސާރާއަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ މޮޑެލުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.

ކްރިސްމަސް އާއި އާއަހަރު ފާހަގަ ކުރުމަށް މިއަހަރު ވެސް ވަރަށް ގިނަ މަޝްހޫރު ފަންނާނުންނާއި މަޝްހޫރު ކުޅިވަރު ކުޅުންތެރިން ރާއްޖެ އައެވެ. މަޝްހޫރު މީހުން މީސް މީޑިއާގައި ކުރަމުން ގެންދާ ޕޯސްޓްތަކުގެ ސަބަބުން ރާއްޖެ ދަނީ އިތުރަށް އިސްތިހާރު ވަމުންނެވެ. ފަންނާނުންގެ ސަޕޯޓަރުން ގެންދަނީ ރާއްޖެ އަކީ އެމީހުންގެ ވެސް ހުވަފެނީ މަންޒިލް ކަމަށް ބުނެ ކޮމެންޓްތައް ކުރަމުންނެވެ.

އާއަހަރާއި ދިމާކޮށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ގިނަ ރިސޯޓްތަކާއި ގެސްޓްހައުސްތައް ވެސް ފުރުނެވެ.