އިއްޔެ އޮތް ގޯލްޑެން ގްލޯބްސް އެވޯޑް ދިނުމުގެ ހަފްލާގައި ރެޑްކާޕެޓުން ހުރިހާ ފަންނާނުންނަށް މަރުޙަބާ ކިޔާ ފަންނާނުން ފޮޓޯތަކަށް ހުއްޓުނު އިރު ފަހަތުގައި ފެން ފުޅިތަކެއް ހިފަހައްޓައިގެން ހުރި މޮޑެލް ކެލެތު ކަތުބާޓް ދުނިޔެ "ފަތަހަ ކޮށްފިއެވެ."

ގޯލްޑެން ގްލޯބް އިވެންޓްގެ ސްޕޮންސާ 12 މިލިއަން ޑޮލަރަށް ނަގައިގެން "ފިޖީ ވޯޓާ" އިން ކުރިއަށް ގެންދިޔަ ކެމްޕޭންގެ އެންމެ މުހިންމު ބައިވެރިޔަކަށްވީ ކެލެތު ނުވަތަ މިހާރު މަޝްހޫރު ނަމުންނަމަ "ފިޖީ ގާލް" އެވެ.

އިއްޔެ އާއި މިއަދު ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާތަކެއްގައި އަދި މީސް މީޑިއާގައި ވެސް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުން ދަނީ ފިޖީ ގާލް އާއި ބެހޭ ގޮތުންނެވެ.

އިއްޔެ ފެން ފުޅިތައް ބަހަން ކެލެތު ހުރި ނަމަވެސް މިއަދު އޭނާ އަށް ދަނީ މޮޑެލް ކުރުމުގެ އިތުރު އެތައް ފުރުސަތެއް ވެސް ލިބެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކެލެތުގެ އިންސްޓަގްރާމަށް ވެސް ލައްކައަކަށް ވުރެ ފޮލޯވާސް ވަނީ އިތުރުވެފައެވެ.

ފިޖީ ވޯޓާ އަކީ ފިޖީގެ ކުންފުންޏެއް ކަމަށްވާ ވޮންޑަފުލް އިން އުފައްދާ ފެނެކެވެ. ފެނުގެ އިތުރުން ބައެއް ބުއިންތަކާއި ކާބޯތަކެތި ވެސް އެކުންފުނިން އުފައްދައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 1995 ވަނަ އަހަރު އުފެއްދި ކުންފުންޏަށް އިއްޔެ އިން ފެށިގެން ވިޔަފާރީގެ އެތައް ފުރުސަތެއް ފަހިވެގެން ދާނެއެވެ.

ކޮންމެ ފޮޓޯއަކުން ފިޖީ ގާލް ފެންނަން ހުރުމުން ބައެއް މީހުންނަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް އިހްސާސް ކުރެވުނު ނަމަވެސް މިއީ ފިޖީ ވޯޓާގެ ވިޔަފާރި އެތައް ގުނައެއް މައްޗަށް ޖައްސާލަން އެކުންފުނިން ކުރި ކަމެކެވެ. އެމީހުންގެ މަޤުޞަދު ކިތަންމެ ރަނގަޅަކަށް ވެސް މިވަނީ ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުނިޔެ ފަތަހައޭ😁😁😁

  2. ނާހަމަ ތެދެއްތަ؟ އަވަހަށް ރާއްޖެ ގެނެސް ލައިފް ފެން ފުޅި ނޫނީ ތާޒާ ފެންކޭސް އުފުލަން ޖައްސާ! އޭރުންތާ އަދި ހިތްތައް ފަތަޙަވާނީ!