ތިން ފިރިހެނުންގެ ރޭޕުގެ ޝިކާރައަކަށްވި އަންހެނެއްގެ ގައިގައި އަލިފާން ޖަހާ، އެމީހާ އަންދާލަން މަސައްކަތް ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ރޭޕުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ކައިރާނާ އިންނެވެ.

އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އެމީހާގެ ގައިގައި އަލިފާން ޖަހާފައިވަނީ އެމީހާ ރޭޕުކުރި މީހުންނެވެ. އަދި އެމީހުން އެގޮތަށް ކަންތައް ކޮށްފައިވަނީ އަންހެން މީހާ ފުލުހުންނަށް ހުށަހެޅި މައްސަލަ، އަނބުރާ ނަގަން އިންކާރު ކުރުމުންކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އެމީހާގެ ގައިގައި ހުޅު ޖަހާފައިވަނީ އެއް ރޭ އެގެއަށް ގޮސް، އަންހެން މީހާގެ ގަޔަށް ޕެޓްރޯލް ޖެހުމަށްފަހުއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާގެ ގައިގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެމީހާގެ ހަށިގަނޑުގެ ބޮޑު ބައެއްވަނީ ފިހިފައެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އެމީހާއަށް ފަރުވާ ދެމުން އަންނައިރު، އެމީހާގެ ހާލު ރަނގަޅު ވަމުން އަންނަކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް، އެމީހާގެ ގައިގައި ބަޔަކު ގަސްދުގައި ހުޅު ޖެހިކަމަށް ފުލުހުން އެއްބަސްވެފައި ނުވެއެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި އެއީ އޮޅުމެއްގެ ތެރެއިން ހިނގި ކަމެކެވެ. އެހެންކަމުން، އެމައްސަލަ ބަލަންވެސް އެފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް، ރޭޕުގެ މައްސަލަ ބަލާނެކަމަށް ފުލުހުން ބުނެފައިވެއެވެ.