ފުލުހަށް ގުޅުމަށް ފަހު ކިޑްނެޕްކޮށްފައިވާކަމަށް ދޮގު ހަދާ މައުލޫމާތު ދިން މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިންޑިއާގެ މުމްބާއި އަވަށުގައި މިމަހުގެ ތިންވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އުމުރުން 33 އަހަރުގެ ޝިވްކުމާރް ގައުތަމް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ފުލުހަށް ގުޅުމަށްފަހު، އޭނާ ކިޑްނެޕްކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެެހެން ބުނުމަށްފަހު އޭނާ ވަނީ ފޯނު ނިއްވާލާފައެވެ.

އޭނާ ގުޅި ފުލުސް މީހާ ބުނިގޮތުގައި، ގައުތަމް ވާހަކަދެއްކި ގޮތުން ހީވަނީ އޭނާ ވަރަށް ބޮޑަށް ބިރުގަނެފައި ހުރި ކަމަށެވެ. އަދި ގައުތަމް ގުޅުމަށްފަހު ގޮތް ނޭގޭ ފިރިހެނުންތަކެއް އޭނާ ހައްޔަރުކުރަން އުޅޭ ކަމާއި، އެ މީހުން އޭނާ ގެންދަން އުޅެނީ ކޮންތާކަށްކަން ނޭގޭކަމަށް ވަނީ ބުނެފައެވެ.

އެހެންވެ ފުލުހުން ވަނީ ވަގުތުން އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަންގައި ފުލުހުން ވަނީ އޭނާގެ ފޯން ޓްރޭސް ކުރެވޭތޯވެސް ބަލާފައެވެ. ނަމަވެސް އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން އެކަން ވެފައެއް ނުވެއެވެ. އެންމެ ފަހުން ފުލުހުން ވަނީ ބައެއް އާއްމުންނާއި، ވިޔަފާރީވެރިންނާއި ސުވާލުވެސްކޮށްފައެވެ.

އެގޮތުންވެސް އޭނާ ހޯދޭގޮތްނުވުމުން ފުލުހުން އެންމެ ފަހުން އަނެއް ދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ދިޔައީ ގައުތަމްގެ ގެއަށް އާއިލާ މީހުންނާއި ސުވާލު ކުރުމަށެވެ. އެ ގެއަށް ދިޔައިރު، ގައުތަމް ނިދާފައި އޮތް މަންޒަރު ފެނި ފުލުހުންވެސް ދިޔައީ ސިހިގެންނެވެ. އަދި ގައުތަމް ވަނީ ފުލުހުންނަށް އޭނާ ކިޑްނެޕް ކުރިކަމަށް ބުނެ ފުލުހަށް ގުޅީ މަޖަލަކަށް ކަމަށް ބުނެފައެވެ.

އެކަމާއި ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި ކޯޓުން ވަނީ އޭނާ ޖޫރިމަނާވެސްކޮށްފައެވެ. އޭނާ ވަނީ ޖޫރިމަނާ ދެއްކުމަށްފަހު އެނބުރި ގެއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު