މީގެ 20 އަހަރު ކުރިން ގެއިން ނުކުމެގެން ދިޔަ މީހަކު އެނބުރި ގެއަށް އަތުވެއްޖެއެވެ. އެތައް އަހަރަކަށްފަހު އެނބުރި އަމިއްލަ ގެއަށް އައިސްފައިވަނީ އަވަށްޓެރި އިންޑިޔާގެ ރާޖަސްތާނު ސްޓޭޓަށް ނިސްބަތްވާ މީހެކެވެ. އެމީހާގެ ނަމަކީ މަހާވީރް ސިންގު ޗޯހަން އެވެ.
ނޫސްތަކުން ބުނެފައިވާ ގޮތުގައި މަހާވީރު އޭނާގެ ގެ ދޫކޮށްލާފައި ނިކުމެގެން ދިޔައީ 1998 ވަނަ އަހަރުއެވެ. އޭރު އޭނާގެ ދެ ފިރިހެން ދަރިންވެސް ވަރަށް ކުޑައެވެ. އެގޮތުން، ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާގެ އުމުރުން ހަތަރު އަހަރުވީއިރު، ހަގު ކުއްޖާގެ އުމުރުން އޭރު އެންމެ އަހަރެކެވެ.
އިންޑިޔާގެ ނޫސްތަކުން ވަނީ މިކަން ހިނގާދިޔަ ގޮތް ގެނެސްދީފައެވެ. އެފަރާތްތަކުން ބުނާގޮތުގައި މަހާވީރަކީ އެޤައުމުގެ ވިޔަފާރީގެ މަރުކަޒު ކަމުގައިވާ މުމްބާއީގައި އޭރު ވިޔަފާރި ކުރަމުން ދިޔަ މީހެކެވެ. އެހެންނަމަވެސް، 1998 ވަނަ އަހަރު އޭނާގެ ވިޔަފާރިއަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ގެދޮރު ދޫކޮށްލާފައި ދާން ޖެހުނީއެވެ.
ވިޔަފާރީގެ ގެއްލުމުގެ ސަބަބުން ގެދޮރު ދޫކޮށްލާފައި ދިޔައީ އެކަމުގެ ލަދުން ސަލާމަތްވުމަށެވެ.
ގެދޮރު ދޫކޮށްލާފައި ނިކުމެގެން ދިއުމުން މަހާވީރުގެ ބައްޕައާއި އާއިލާގެ މެންބަރުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން، އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ހުއްޓާ ނުލައި ފަސް އަހަރު ވަންދެން ކުރި މަސައްކަތުން އަލިމަގެއް ނުފެނުމުން އެކަން ހުއްޓާލީއެވެ.
ގެއިން ނިކުތުމަށްފަހު މަހާވީރު އެކި ތަންތާ އުޅެމުން ދިޔައެވެ. ދެން އޭނާ މަސައްކަތަށް ދާން ފެށީ ފިނިފެންމާ ހައްދާ ދަނޑަކަށެވެ.
މިގޮތަށް އަހަރުތައް ގޮސް، މި އަހަރުގެ ތެރޭގައި އެއް ދުވަހަކު އޭނާ ހޭނެތިގެން ވެއްޓިފައި އޮއްވާ ފެނުނެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ ވެއްޓިފައި އޮއްވާ ފެނުމުން ރަހުމަތްތެރިން ވަނީ އޭނާ މިހާރު އުޅެމުންދާ ބެންގަލޫރުގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.
މަހާވީރުގެ މައިބަދައަށް ގެއްލުން ލިބިފައިވާއިރު، އޭނާގެ އާއިލާއަށް އެކަން އެންގުމަކީ މުޙިއްމު ކަމެއްކަމަށް އެމީހުން ދެކުނެވެ. މި ބޭނުމަށްޓަކައި އެމީހުން ވަޓްސްއެޕްގައި މެސެޖެއް ޖެހިއެވެ. އަދި އެކި ފަރާތްތަކަށާއި ގްރޫޕުތަކަށް މި މެސެޖު ފޯވާޑު ކުރަމުން ދިޔައެވެ.
ކަންދިމާކުރި ގޮތުން ވަރަށް އަވަހަށް މަހާވީރުގެ އާއިލާ ހޯދިއްޖެއެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު އާއިލާއަށް އޭނާއާ ބައްދަލު ކުރެވޭ ގޮތްވިއެވެ.
މަހާވީރުގެ ދަރިފުޅު ބުނި ގޮތުގައި މިކަންވީ ޤަބޫލު ކުރަން ދަތި ކަމަކަށެވެ. އެހެންނަމަވެސް، މަހާވީރުގެ އަންހެނުން އަބަދުވެސް އޭނާ އަންނާނެކަމަށް ޤަބޫލު ކުރިކަމަށް ބުންޏެވެ. އަދި މަހާވީރު ވަނީ އޭނާގެ އަމިއްލަ ގެއަށް ގެންގޮސްދިނުމަށް އެދިފައެވެ.