ކުލަގަދަ ގޮތެއްގައި މިއަހަރުގެ ވިންޓަރ އޮލިމްޕިކްސް މީގެ ތިން ދުވަސް ކުރިން ދެކުނު ކޮރެއާގައި ފެށިގެން ދިޔައިރު، މިފަހަރުގެ އޮލިމްޕިކްސް ވެގެން ގޮސްފައިވަނީ، ތާރީޚީ ފަހަރަކަށެވެ. އެއީ ދެކުނު ކޮރެއާ އާއި އަބަދުވެސް ކޯޅެމުންދިޔަ އުތުރު ކޮރެއާ މިފަހަރުގެ ގޭމްތަކުގައި ބައިވެރިވުމަށް ނިންމި ނިންމުމާއި ގުޅިގެންނެވެ.

ޖުމްލަ 92 ޤައުމަކުން މިއަހަރު 3000 އެއްހައި އެތްލީޓުން މިފަހަރުގެ ކުޅިވަރުތަކުގައި ބައިވެރިވާއިރު، ޤައުމުތަކުން ގިނަ ޢަދަދެއްގެ ސަޕޯޓަރުންނާ ފަތުރުވެރިންނާއި އެނޫންވެސް ފަރާތްތައް ވަނީ ދެކުނު ކޮރެއާއަށް ގޮސްފައެވެ. ނަމަވެސް އެންމެ ބޮޑަށް ހޫނުވި އެއް މައްސަލައަކަށް ވެފައި ވަނީ، އެހެން ހުރިހައި ކަމެއް ފުރިހަމަކޮށްފައި ހުރިއިރުވެސް، މުސްލިމުންނަށް ނަމާދު ކުރެވޭނެއިންތިޒާމް ސްޓޭޑިއަމުން ހަމަޖެހިފައި ނުވުމެވެ.

ދެކުނު ކޮރެއާގެ އާބާދީއަށް ބަލާއިރު ނިސްބަތުން އެޤައުމުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު އެހެން ދީންތަކުގެ މީހުނަށްވުރެ މަދެވެ. އެޤައުމުގައި މުސްލިމުން ހިއްސާ ކުރަނީ އާބާދީގެ 0.2 އިންސައްތަ އެވެ. އެހެނަސް އެއީ އަބަދުވެސް "މުސްލިމުންނާއި ރަޙުމަތްތެރި" ޤައުމެއް ކަމަށް އެޤައުމުން ދިޔައީ ބުނަމުންނެވެ.

މިކަމާއި ގުޅޭގޮތުން ވިންޓަރ އޮލިމްޕިކްސްގެ އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި، ކެންގް ސޫކޯ ބުނެފައިވަނީ، މުސްލިމުންނަށް ނަމާދު ކުރެވޭނެ އިންތިޒާމެއް ސްޓޭޑިއަމް ތެރެއިން ޤާއިމްކޮށްނުދެވުނީ، އެހެން ދީންތަކުގެ ގިނަ ޢަދަދެއްގެ ބަޔަކު އެކަމާއި ދެކޮޅު ހެދުމުން ކަމަށާއި، ގޭމްތަކުގެ ތެރެއިން ބޮޑު ހަމަނުޖެހުމެއް އެކަމުން ހިނގާފާނެ ކަމަށްޓަކައި ކަމަށެވެ.

ވިނޓަރ އޮލިމްޕިކްސްގެ ކުޅިވަރުތައް ބަލައިލުމަށް ގިނަ ޢަދަދެއްގެ މީހުން ދެކުނު ކޮރެއާއަށް މިފަހަރު ދަތުރުކުރިއިރު، އޭގެތެރެއިން 33 އިންސައްތަ މީހުންނަކީ މުސްލިމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި އެޤައުމަކީ، "މުސްލިމުންނާއި ރަހުމަތްތެރި" ޤައުމެއް ކަމަށް ބުނަމުންދިޔަ ދިއުމާއި އެކުވެސް މުސްލިމުންނަށް ކުރިމަތިކުރުވި މި މައްސަލަ އާއި ގުޅިގެން އެތައް ބަޔަކު ވަނީ ނުރުހުންވެފައެވެ.

މިމަހުގެ 9 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ ވިންޓަރ އޮލިމްޕިކްސްގެ ކުޅިވަރުތައް 25 އާއި ހަމައަށް ކުރިއަށްދާއިރު، ދެކުނު ކޮރެއާއަށް މި ކުޅިވަރުތައް ބަލާލުމަށް ޒިޔާރަތްކުރި ބައެއް މުސްލިމުން ބުނެފައިވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި މުސްލިމުންނަށް ނަމާދުކުރެވޭނެ އިންތިޒާމެއް އެތަނުން ހަމަޖައްސައި ނުދީފިނަމަ އެޤައުމުން އެނބުރި ދާން ނިންމާފައިވާ ކަމަށެވެ.

އެފަރާތްތަކުން ބުނާގޮތުގައި މިއީ ވިންޓާ އޮލިމްޕިކްސްގެ ތެރެއިން މުސްލިމުންނަށް ކުރި ފުރައްސާރައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކާ

    ނަންބޯޑެއް ޖަހާފަ ބަހައްޓާފައި ނެތީ ދޯ! މުސްލިމުން ނޫނީ ނެތޭ ހައްޤުތައް ގެއްލިފައި އަބަދު އެކަމާ ހިފާ ބައެއް، އެމެރިކާގެ ކަޅު މީހުން ހެން