"އެރޭ ނިދިން" މި ލަވައަކީ ގިނަ ދިވެހިންގެ ޕްލޭލިސްޓުގައިވާ ލަވައެކެވެ. އެ ލަވައިގެ އަސްލު ވެރިޔާގެ އަޑުން އެ ލަވަ މިހާރު އިވޭނެއެވެ. އޭނާއަކީ އެ ލަވައިގެ އަސްލު ވެރިޔާއެވެ. އެ ލަވައިގެ ޅެން ތައްޔާރުކުރީވެސް އޭނާއެވެ. އަދި ރާގުވެސް އޭނާ ހެދިއިރު، އެންމެ ފުރަތަމަ އޭނާ އެ ލަވަ ކިޔުއްވަން ދިނީ މޮޅު ލަވަކިޔުންތެރިއެއްގެ އަތަށެވެ.

ނަމަވެސް މިހާރު މުހައްމަދު (ކުޑަ ބޮރިސް) ރިޔާޒްގެ އަޑުން އެ ލަވަ އިވުމުގެ ފުރުސަތު ލިބިއްޖެއެވެ. އޭނާގެ އަމިއްލަ މަސައްކަތް އޭނާގެ އަމިއްލަ ވަންތައް ގޮތަކަށް އަނެއްކާވެސް ބަދަލުކޮށްގެން މި ވަނީ އެ ލަވަ އެހުންތެރިންނާއި ހަމައަށް ގެނެސްފައެވެ.

"ހާސިލް"ގެ ނަމުގައި އޭނާ ދާދި ފަހުން ނެރުނު އަލްބަމްގައި އެ ލަވަ ހިމެނެއެވެ. މީގެ 10 އަހަރު ކުރިން ފެށިގެން އޭނާ ކުރި މަސައްކަތުގެ ފޮނި ރަހަ އެ ލިބުނީ، މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އަމިއްލަ ރާގު ހެދުމާއި ޅެން ހެދުމުގެ ޝައުގުވެރިކަން ހުންނަ ރިޔާޒް ނެރުނު "ހާސިލް" އަލްބަމްގައި ހަތް ލަވަ ހިމެނެއެވެ. އޭގައި ހުރި ހުރިހާ ލަވައެއްވެސް ކިޔާފައި ވަނީވެސް ރިޔާޒްއެވެ. އެ ލަވަތަކުގެ ތެރޭގައި އައްޑޫ ބަހުން ކިޔާފައިވާ ލަވައެއްވެސް ހިމެނެއެވެ.

ރިޔާޒް ބުނިގޮތުގައި، މި އަލްބަމްގެ މަސައްކަތް އޭނާ ކުރަމުން އަންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެދާނެއެވެ. އޭނާއަށް އެހާ ގިނަ ދުވަހުން މި ލަވަ އަލްބަމް ނިމުނީ، ފައިސާގެ ދަތިކަމާއި ހެދިކަން ފާހަގަކުރިއެވެ.

"މި އަލްބަމްގައި ހުންނާނީ އަޅުގަނޑުގެ އަމިއްލަ ރާގުތައް. އަޅުގަނޑުގެ އަމިއްލަ ޅެންތައް. އަދި އަޅުގަނޑުގެ އަޑުން ކިޔާފައިވެސް އިންނާނީ". އޭނާ ބުންޏެވެ.

ރިޔާޒް ބުނިގޮތުގައި، އޭނާގެ އެ ލަވަ އަލްބަމަށް މިއުޒިކް ހަދާފައި އިންނާނީ، ހާޑީ، ޓްރޯ އަދި ފަތޯއެވެ.

ރިޔާޒްގެ އަމިއްލަ މަސައްކަތް ވަރަށް ރަނގަޅަށް ފެނިގެންދާނެ މި އަލްބަމް މިހާރު ލަވަފޮށިން ލިބެން ހުންނާނެއެވެ. އަދި ދިރާގު އުރީދޫ މައިޓޯންވެސް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތްތައްވެސް އޭނާ ދަނީ ކުރަމުންނެވެ.

އެ އަލްބަމްގެ މަސައްކަތް ނިމި މިހާރުވެސް އޭނާގެ އަމާޒު ހުރީ އިތުރު ލަވަތަކެއްގެ މަސައްކަތް ކުރުމަށެވެ. އެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާކަން އޭނާ ފާހަގަކުރިއެވެ.

ރިޔާޒްއަކީ ލަވަކިޔާ މީހެއްކަން ގިނަބަޔަކަށް ނޭގިދާނެއެވެ. އެހެން ނަމަވެސް އޭނާއަކީ އެކަމަށް އާ މީހެއް ނޫނެވެ. ލަވަކިޔުމާއި ގުޅުންހުރި ކަރޯކޭ ޖެއްސުމާއި، ޑީޖޭ ޖެއްސުމަކީވެސް އޭނާ ކުރަމުން އަންނަ މަސައްކަތެކެވެ.

އަދި އޭނާގެ އަޑުން ނެރުނު ހަތް ލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާކަމަށް ފާހަގަކޮށްލަން ޖެހެއެވެ. ލަވަތައް ރީތިކަމުން އޭނާއަށް ތައުރީފް ކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި އޭނާ ރަނގަޅު ކުރަންވީ ކަންކަންވެސް ދަނީ ބުނެދެމުންނެވެ.