މީގެ 5000 އަހަރު ކުރިން، އަވަށްޓެރި އިންޑިޔާގެ ހަރިޔާނާ ސްޓޭޓުގައި ވަޅުލެވިފައިވާ ދެމަފިރިއެއްގެ ކަށިގަނޑުތައް ފެނިއްޖެއެވެ. މި ކަށިތައް ފެނިފައިވަނީ މި ކަށިތައް ވަޅުލެވިފައިވާ ޤަބުރުސްތާނު ކޮނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ތާރީޚު ދިރާސާކުރާ އިލްމުވެރިންތަކަކަށެވެ.

ޕޫނާގައި ހުންނަ ޔުނިވަރިސިޓީ އެއްގައި މަސައްކަތް ކުރާ އިލްމުވެރިންތަކަކަށް މި ކަށިތައް ފެނިފައިވަނީ ހަރައްޕަން ގަބުރުސްތާން ނަމަކަށް ކިޔާ ތަނަކުންނެވެ.

އެފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އަންހެނަކާއި ފިރިހެނެއްގެ މި ކަށިގަނޑުތައް ވަޅުލައިފައި ހުރީ އެއް ވަޅެއްގައެވެ. އަދި ފިރިހެން މީހާގެ މޫނު ބާއްވާފައި އޮތީ އަންހެން މީހާގެ މޫނާ ދިމާވާ ގޮތަށްކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. ހަމައެހެންމެ، މި ދެ މީހުން ވަޅުލައިފައިވަނީ އެއް ވަގުތެއްގައި ނުވަތަ އެއް ދުވަހެއްގައިކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ހަރައްޕަން ގަބުރުސްތާނު ކޮނެ ބެލުމުގެ މަސައްކަތްތައް މީގެ ކުރިންވެސް ތާރީޚު އިލްމުވެރިން ކޮށްފައިވެއެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް އެތަނުން އެއްވެސް ތަނަކުން މިފަދަ ކަށިތަކެއް ފެނިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެއް ވަޅެއްގައި މި ކަށިގަނޑު އޮއްވާ އެފަރާތްތަކަށް ފެނިފައިވާއިރު، ކުރިން އިންޑިޔާގައި އުޅުނު ފަރާތްތަކުން އެއް ވަޅެއްގައި ދެމަފިރިން ވަޅުލާ އުޅުމާ ބެހޭގޮތުން ތާރީޚު އިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.