ޖަޕާންގެ އަންހެން ކުއްޖެއް ކަމަށްވާ ޗަންކޯ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައީ އުމުރުން އެންމެ ހަތަރު މަހުގައި އޭނާ އަށް ލިބިފައިވާ އާދަޔާއި ހިލާފު ރީތި އިސްތަށިގަނޑުގެ ސަބަބުންނެވެ.

ޑިސެމްބަރ 23 ވަނަ ދުވަހު ޗަންކޯ އަށް މިވަނީ އެއް އަހަރު ފުރިފައެވެ. ޗަންކޯގެ އުމުރުން ފާއިތުުވެގެން މިދިޔަ އެއް އަހަރު ދުވަސް ތެރޭގައި އޭނާގެ މަންމަ ވަނީ އިންސްޓްގްރާމް މެދުވެރިކޮށް ޗަންކޯގެ ވަރަށް ލޯބި ފޮޓޯތައް ގަވައިދުން ހިއްސާކޮށްފައެވެ.

އިންސްޓަގްރާމްގައި ޗަންކޯ ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު ވަނީ ތިންލައްކަ ފަހަނައަޅައި ގޮސްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗަންކޯގެ ބޮލުގެ ރީތި އިސްތަށިގަނޑުގެ ސަބަބުން ބައެއް ފިލްމުތަކުންނާއި އިސްތިހާރުތަކުން ވެސް މިހާރު އޭނާ އަށް ވަނީ ފުރުސަތު ލިބިފައެވެ. މިހާތަނަށް ބައެއް އިސްތިހާރުތަކުގައި ޗަންކޯ ބައިވެރިވެފައި ވީނަމަވެސް އޭނާ ފިލްމެއްގައި ބައިވެރި ކުރުމުގެ ވިސްނުމެއް މައިންބަފައިންގެ އަދި ނެތެވެ.

ޗަންކޯގެ މަންމަ ކުރިން ބުނެފައި ވަނީ އިންސްޓަގްރާމްގައި ޗަންކޯގެ ފޮޓޯތައް ފުރަތަމަ ހިއްސާކުރަން ފެށީ ގިނަ ބައެއްގެ ސަމާލުކަން ލިބިދާނެ ކަމަކަށް ނޫނެވެ. ނަމަވެސް އާދަޔާއި ހިލާފަށް ގިނަ ބައެއްގެ ސަމާލުކަން ޗަންކޯ އަށް ލިބުމުން ވަރަށް ބޮޑަށް ހައިރާން ވެފައިވާ ކަމަށް ޗަންކޯގެ މަންމަ މީގެ ކުރިން މީޑިއާގައި ބުނެފައި ވެއެވެ.

މިހާރު ޗަންކޯ އަކީ ޖަޕާންގެ ބައެއް ޓީވީތަކާއި މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ވަރަށް މަޝްހޫރު މޫނެކެވެ.

ކިޔުންތެރިންގެ ހިޔާލު