10 އަހަރަށް ފަހު ފިރިމީހާ އަބީޝެކް ބައްޗަންގެ ބައްޕަ އަމީތާބު ބައްޗަން އާއި އެކުގައި އައިޝްވާރިއާ ރާއީ ފިލްމެއް ކުޅެން ނިންމައިފިއެވެ.

އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުން ދެ ތަރިން ސޮއިކޮށްފައި ވަނީ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމް ހަދާ ޕީރިއަޑް ޑްރާމާއަކަށެވެ. ނޫސްތަކުން ބުނި ގޮތުގައި އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމަށް އަމީތާބީތާއި އައިޝްވާރިޔާ ސޮއިކޮށްފައިވާ އިރު، މި ފިލްމުގައި މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

އަމީތާބާއި އައިޝްވާރިއާ އެކުގައި ފެނިގެންދާ ފިލްމު މިމަހުގެ 14 ގައި އިއުލާނު ކުރާއިރު އެ ފިލްމުގެ މަސައްކަތް ފަށާނެ ތާރީހެއް އައި ހާމަކޮށްފައެއް ނުވެއެވެ. އެ ފިލްމަކީ އިންޑިއާގެ ހުނަރުވެރި ލިޔުންތެރިއެއް ކަމަށްވާ ކަލްކީ ކްރިޝްނަމުރުތީގެ ތާރީހީ ވާހަކަ ޕޮނިޔިން ސެލްވަން (ސަން އޮފް ޕޮއްނީ) އަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް މީޑިއާތަކުން ބުނެއެވެ.

އައިޝްވާރިޔާ ވަނީ މީގެ ކުރިން ވެސް ހަ ފަހަރެއްގެ މަތިން އަމީތާބާ އެއްފިލްމެއްގެ މަސައްކަތްކޮށްފައެވެ. އެއީ ސަރުކާރު ރާޖް (2008)، ބަންޓީ އޯރް ބަބްލީ (2005)، ކާކީ (2004)، ކިޔު ހޯ ގަޔާނާ (2004)، ހަމް ކިސީ ސޭ ކަމް ނެހީ (2002) އަދި މުހައްބަތޭން (2000) އެވެ.

އައިޝްވާރިއާ އޭނާގެ ބަފައިބެ އަމީތާބާއި އެކުގައި ފިލްމެއް ކުޅެން ނިންމާފައި މިވަނީ ފިރިމީހާ އަބީޝެކް އާއި އެކު ކުޅެން ސޮއިކުރި ފިލްމު " ގުލާބު ޖާމޫ" ނުކުޅުމަށް ދެތަރިންވެސް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.