އަޖައިބުކުރަނިވި ކަންތައްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކުވެސް ހިނގައެވެ. އެއީ ގިނަ ފަހަރަށް ޤަބޫލު ކުރަންވެސް ދަތި ކަންކަމެވެ. މިފަދަ ވަރަށް ގިނަ ކަންކަމަކީ މީހުންގެ ޞިއްޙަތާވެސް ގުޅުންހުރި ކަންކަމެވެ.

އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާގައި ވަރަށް ފަހުން ވަނީ މިފަދަ ކަމެއް ހިނގާފައެވެ. ހޮސްޕިޓަލަށް ފަރުވާ ދޭން ގެނައި ޒުވާން އަންހެނެއްގެ ހިތުގެ ވިންދު ޖެހުން ހުއްޓުނުތާ 72 ގަޑިއިރު ފަހުން އަލުން އެމީހާވަނީ ހޭ އަރާފައެވެ. އަދި އެމީހާގެ ހިތްވަނީ އަލުން މަސައްކަތް ކުރަން ފަށާފައެވެ.

"މިރާ" ނޫހުން ބުނެފައިވާ ގޮތުގައި 26 އަހަރުގެ މި އަންހެން މީހާ ޗައިނާގެ ފުޖިއާންގައި ހުންނަ ހޮސްޕިޓަލަށް ގެންދެވުނީ ހޭނެތި، ޚަބަރު ހުސްވެގެންނެވެ. ޑޮކްޓަރުން ބެލުމަށްފަހު ބުނެފައިވަނީ ހިތަށް މައްސަލަތަކެއް ދިމާވެފައިވާކަމަށާއި އަދި އެކަމުގެ ސަބަބުން ހިތް ހުއްޓިފައިވާކަމުގައެވެ. އެކަމަށް ޑޮކްޓަރުން ކިޔަނީ ވެންޓްރިކުއުލަރ ފިބްރިލޭޝަން އެވެ.

ލައިފް ސަޕޯޓަށް މި އަންހެން މީހާ ލުމުގެ ކުރިން ޑޮކްޓަރުން ވަނީ 20 މިނެޓު ވަންދެން ކޮމްޕްރެޝަން ދީފައެވެ. އެކަން ކާމިޔާބު ނުވުމުން ލައިފް ސަޕޯޓަށް ވަނީ ލައިފައެވެ. އެހެންނަމަވެސް، އޭގެ ދެ ގަޑިއިރު ފަހުން އެމީހާ ދިރިއޮންނާނެކަމުގެ އެއްވެސް ނިޝާނެއް ނުފެނި، އުންމީދު ކަނޑާލިއެވެ.

އެހެންނަމަވެސް، އޭގެ 72 ގަޑިއިރު ފަހުން އަނެއްކާވެސް އެމީހާގެ ހިތްވަނީ މަސައްކަތް ކުރަން ފަށާފައެވެ. އަދި، ހޭވެސް ވަނީ އަރާފައެވެ. ޑޮކްޓަރުން ޤަބޫލު ކުރާ ގޮތުގައި މިއީ ވަރަށްވެސް ހައިރާންކުރަނިވި ކަމެކެވެ.

އަންހެން މީހާގެ ފިރިމީހާ ބުނި ގޮތުގައި އައިސީޔޫގައި އަންހެން އޮތް ދުވަސްތައް އެމީހުން ހޭދަކުރީ ރުއިމުގައެވެ. އެހެންނަމަވެސް، މިހާރު ތިބީ ވަރަށް އުފަލުންކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ﷲގެ ކުޅަދުންވަންތަކަމާއެވެ.

  2. މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. މިކަމުންވެސް ބަޔަކަށް އިބްރަތެއް ހާސިލްވާނެނަމަ...

  3. ސުބުހާނަﷲ. އަލްހަމްދު ލިﷲ