ސީރިޔަސް އޮޕަރޭޝަނެއްގެ ތެރެއިން، ޑޮކްޓަރަކު ނިދާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް މި ފަހުން މީސް މީޑިޔާގައި އާއްމުވެފައިވެއެވެ. ފޮޓޯ އާއްމުވެފައިވަނީ ޗައިނާގެ މީސް މީޑިޔާތަކުގައިކަމުން، އަޅުގަނޑުމެންނާ ހަމައަށް ފޮޓޯ ފޯރާފައި ނުވުން އެކަށީގެންވެއެވެ.

މި ފޮޓޯ އިން ފެންނަނީ އޯތޮޕެޑިކް (ކަށީގެ ޚާއްޞަ) ސާޖަން އެއް މީހެއްގެ އަތުގެ އޮޕަރޭޝަނެއް ކުރަމުންދާ މަންޒަރެވެ. ލުއޯ ޝަންޕެންގ ނަމަކަށް ކިޔާ މި ޑޮކްޓަރު މި އޮޕަރޭޝަން ކުރަމުން ދަނީ ޗައިނާގެ އިރުދެކުނު ގުއިޒޫ ޕްރޮވިންސްގައެވެ.

ޑޮކްޓަރު ނިދާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯ މީސް މީޑިޔާގައި އާއްމުކޮށްފައިވަނީ ޑޮކްޓަރާއެކު އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދިޔަ ނަރުހެކެވެ. ފޮޓޯގެ ކެޕްޝަންގައި ނަރުސް ބުނެފައިވަނީ މި މަންޒަރު ފެނުމުން ހިތަށް ތަދުވާކަމުގައެވެ.

ހީކުރި ގޮތާ ޚިލާފަށް، ނިދަން އޮވެގެން އޮޕަރޭޝަން ކުރުމުން ޑޮކްޓަށް އަމާޒުވީ ފާޑު ކިއުމެއް ނޫނެވެ. އޭގެ ބަދަލުގައި އެކި ކޮޅުކޮޅުމަތިން އޭނާއަށް އޮހެމުން ދިޔައީ ތައުރީފެވެ. ކިޔަމުންދިޔަ ތައުރީފުތައް ގިނަވެ، އެންމެފަހުން "ހީރޯ" އެއް ނުވަތަ ބަޠަލެއްގެ ދަރަޖަވެސް އޭނާއަށް ލިބުނެވެ.

މި ފޮޓޯގެ ސަބަބުން އޭނާއަށް ބަޠަލެއްގެ ދަރަޖަ ލިބުނީ އަމިއްލައަށް އަރާމު ކުރުމަށް ހޭދަކުރެވޭނެ ވަގުތުތައްވެސް އެހެން މީހުންގެ ޚިދުމަތުގައި މި ޑޮކްޓަރު ހޭދަކުރާތަން ފެންނާތީކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފޮޓޯ ނެގުމުގެ އެއް ދުވަސް ކުރިން، ޑރ. ލުއޯ ވަނީ ޖައްސަ ޖައްސައިގެން ފަސް އޮޕަރޭޝަން ކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު، މި ސީރިޔަސް ބަލި މީހާ ގެނައުމުންވެސް މި މީހާގެ އޮޕަރޭޝަން ކުރަން ފަސް ޖެހިފައި ނުވާކަމަށް ބުނެފައިވެއެވެ.

އިތުރަށް ނޫސްތަކުން ބުނެފައިވާ ގޮތުގައި ލުއޯ އޮޕަރޭޝަން ކުރަމުން ދިޔަ އަތަކީ ކިރިޔަ ކިރިޔާ ހަށިގަނޑުން ވަކި ނުވެ އޮތް އަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޭޑީކޭ އާއި އައިޖީއެމްއެޗް ގަ އުޅޭ ގިނަ ދިވެހި ގައިނީ ޑޮކްޓަރުން އަންހެންމީހާ ވިހާއިރުވެސް ވިއްސާކައް ނާންނާނެ... އެހެޔޮ ބަލިވެ އިންނަ ދުވަހުންފެށިގެން ވިހަންދެން ވެސް އެޑޮކްޓަރަށް ދެއްކި ކަމުގައިވިޔަސް... ޑޮލްޓަރަކައް ވެވުނީމަ ބޮޑޭ ވަނީ މާއަވަހައް

  2. މިޒަމާނުގަ ހީރޯވަނީ ފޭކު،މީހުން!

  3. ދެން ކުލާސް ގަޑިގަ ނިދީމަ އަހަރުމެން ވަނީ ޒީރޯ އަށް.