އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދައިގެން ކައިލީ ޖެނާ ދަމަހައްޓަމުން އައި ރެކޯޑް ކުކުޅު ބިހެއްގެ ފޮޓޯއަކުން މުގުރަލައިފިއެވެ.

އިއްޔެ އާއި ހަމައަށް އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ލިބިފައި ވަނީ ކައިލީ ޖެނާ އޭނާގެ ދަރިފުޅާއި އެކު ނަގާފައިވާ ފޮޓޯއެކެވެ. ދަރިފުޅުގެ ނަން ހާމަކޮށް ކައިލީ ކުރި ޕޯސްޓަށް 18 މިލިއަން ލައިކް ލިބިފައިވެއެވެ. އެފޮޓޯ ޕޯސްޓް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

"ވޯލްޑް ރެކޯޑް އެގް" ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން ވަނީ ކައިލީގެ ރެކޯޑް މުގުރާލުމަށް ޖަނަވަރީ 04 ވަނަ ދުވަހު ޕޯސްޓެއް ކޮށްފައެވެ. ހަމައެކަނި ކުކުޅު ބިހެއް ފެންނަން އިން ފޮޓޯގައި ލިޔެފައި ވަނީ ރެކޯޑް މުގުރާލުމަށް 18 މިލިއަން ލައިކް ބޭނުންވާ ކަމަށެވެ.

https://www.instagram.com/p/BsOGulcndj-/?utm_source=ig_web_copy_link

އިއްޔެ ހަވީރު ވީއިރު 18 މިލިއަން ލައިކް ހޯދައިގެން އެފޮޓޯ ވަނީ ކައިލީ ދަމަހައްޓަމުން އައި ރެކޯޑް މުގުރާލާފައެވެ. އަދި މިހާރު އެފޮޓޯއަށް ލިބިފައިވާ ލައިކްގެ އަދަދު 22 މިލިއަނަށް އަރައެވެ.

ކައިލީ ވެސް އިއްޔެ ވަނީ އޭނާ އަށް ފޮލޯ ކުރާ 123 މިލިއަން މީހުންނާއި ކުކުޅު ބިހުގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެވީޑިއޯ އިން ފެންނަނީ ކައިލީ މަގުގެ ތާރުގަނޑު މަތީގައި ބިސްގަނޑެއް އަޅާ މަންޒަރެވެ.