މޭގަން މާކެލްގެ މުވައްޒަފުންތަކެއް މީގެ ކުރިން ވެސް އެކި ފަހަރުމަތިން އިސްތިއުފާ ދީފައިވާ ޚަބަރުތައް މީޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ. ގިނަ މުވައްޒަފުންތަކެއް މޭގަންގެ ކައިރީގައި މަސައްކަތް ނުކުރެވިގެން އިސްތިއުފާ ދެމުން ގެންދަނީ އޭނާ މުވައްޒަފުންނާއި މެދު ކަންތައް ކުރަމުން އަންނަ ގޮތުން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އިއްޔެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މީގެ ހަމަސް ދުވަސް ކުރިން މޭގަންގެ ބޮޑީގާޑަކަށް ސްކޮޓްލޭންޑް ޔާޑް ޕޮލިސް އިން އައްޔަން ކުރި ފުލުސް އޮފިސަރު ވަނީ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޭގަންގެ ބޮޑީގާޑް މަގާމުން އިސްތިއުފާ ދިނީ އޭނާ އަންގާ އެންގުންތަކަށް މޭގަން ކިޔަމަން ނުވާތީއެވެ.

"ބޮޑީގާޑެއްގެ ހައިސިއްޔަތުން އަންގާ އެންގުންތަކަށް މޭގަން ކިޔަމަނެއް ނުވޭ. މީހުންނާއި ބައްދަލު ކުރާއިރު އާއި މީހުން އެއްވެފައިވާ ތަންތަނަށް ދާއިރު އަމަލު ކުރަން ބޮޑީގާޑު ދީފައި އޮންނަ އިރުޝާދުތަކަށް މޭގަން ސަމާލުކަމެއް ނުދޭ. އެހެންކަމުން ބޮޑީގާޑަށް ވަޒީފާގެ ޒިންމާތައް އަދާކުރުމުގައި ދަތިތަކެއް ދިމާވަމުން އައީ." މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މޭގަންގެ ބޮޑީގާޑްގެ އިސްތިއުފާ އާއި ގުޅޭ ގޮތުން ޝާހީ އާއިލާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މޭގަންގެ ޕާސަނަލް އެސިސްޓަންޓް ވެސް މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދިނީ ވަޒީފާ އާއި ހަވާލުވިތާ ހަމަސް ފަހުންނެވެ.