ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ އުފަން ދުވަސް ފާހަގަ ކުރަން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ހަފްލާގައި ޕްރިންސް ހެރީ އާއި މޭގަން މާކެލް ބައިވެރިނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކޭޓް އާއި މޭގަންގެ ގުޅުން ރަނގަޅު ނޫން ކަމަށް މީގެ ކުރިން ވެސް އެތައް ފަހަރު މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައިވެއެވެ.

ކޭޓްގެ އުފަން ދުވަހަކީ ޖަނަވަރީ 09 ވަނަ ދުވަހެވެ. އުފަންދުވަހުގެ ޕާޓީ އޮތީ އެހެން ހުރިހާ ފަހަރެކޭ އެއްގޮތައް މިފަހަރު ވެސް ނޯފޯކްގައި ހުންނަ ކޭޓް އާއި ވިލިއަމްގެ ގެކޮޅުގައެވެ. ރާނީ އެލިޒަބަތު އާއި އެކު އުފަންދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފުރަތަމަ ފެށީ ޗާޗުންނެވެ. އެއަށްފަހު ރަހުމަތްތެރިންނާއި އާއިލާ މެންބަރުން ބައިވެރިވި ޕާޓީއެއް އޮތެވެ. ނަމަވެސް އެއްވެސް އިވެންޓެއްގައި މޭގަން އާއި ހެރީ ބައިވެރިއެއް ނުވެއެވެ.

ކޭޓްގެ އުފަން ދުވަހުގެ ހަފްލާގައި މޭގަން ބައިވެރި ނުވުމަކީ ކޭޓް އާއި މޭގަންގެ ދެމެދުގައި މައްސަލަތައް އުފެދިފައިވާ ކަމުގެ ހެއްކެތް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް މިދިޔަ ޑިސެމްބަރ މަހު ކްރިސްމަސް ފާހަގަ ކުރުމުގެ ހަފްލާތަކުގައި ދެކަނބަލުން އެކުގައި ވަނީ ބައިވެރިވެފައެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިން މޭގަން ކޭޓްގެ އުފަން ދުވަހުގެ ހަފްލާގައި ބައިވެރި ނުވި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މޭގަން އާއި ކޭޓްގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް މީގެ ކުރިން އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކުރާތީ ޝާހީ އާއިލާ އިން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.