ދިރިއުޅުމުގެ ކޮންމެ ކަމަކަށް ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތުގެ އަސަރުތައް މިދަނީ ވަންނަމުންނެވެ. ކޮންމެ ކަމަކަށްވެސް، ފަންނިއްޔާތުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. ކެއުމުން ފެށިގެން ގޮސް އަރަން ގެންގުޅޭ ބޫޓާ ހަމައަށްވެސް މިކަމުގެ ރާޅު ވަނީ ބިންދާލާފައެވެ.

އެގޮތުން، އެތައް ބައެއްގެ ސަމާލުކަން މި ފަހުން ލިބިފައިވާ އެއް އުފެއްދުމަކީ މަޝްހޫރު ނައިކީ ކުންފުނިން އުފައްދާފައިވާ ޒަމާނީ ބޫޓެކެވެ. މި ބޫޓު ޒަމާނީ ވަނީ އެއްގޮތަކަށްވެސް ފެޝަންގެ ގޮތަކުން ނޫނެވެ. ޓެކްނޮލޮޖީގެ ގޮތުން މިއީ މީގެ ކުރިން އުފައްދާފައި ނުވާވަރުގެ އެއްޗެކެވެ.

"ނައިކީ އެޑެޕްޓް ބީބީ" ނަމުގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި ބޫޓުގެ ކަންކަން ފޯނަށް އަޅާލެވޭ އެޕްލިކޭޝަނެއްގެ ޒަރީއާއިން ކޮންޓްރޯލް ކޮށްލެވޭނެއެވެ. އެންމެ ތަފާތު ކަމަކީ އެޕްލިކޭޝަން މެދުވެރިކޮށް ބޫޓުގެ ނާޑުވާތައް އައްސާލެވުމެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އެމެރިކާގެ ބާޒާރުތައް މި ބޫޓު ދޫކޮށްލުމަށް ހަމަޖެހިފައިވާއިރު، މީގެ ޓެކްނޮލޮޖީއާ އަޅާ ބަލާއިރު ބޫޓުގެ އަގު އެއްގޮތަކަށްވެސް ބޮޑެއް ނޫނެވެ. އެގޮތުން، އެޤައުމުގެ ބާޒާރުގައި ބޫޓު ވިއްކަން ހަމަޖެހިފައިވާ އަގަކީ 350 އެމެރިކާ ޑޮލަރެވެ.

ނައިކީ އިން ބުނާގޮތުގައި މޯބައިލް އެޕް މެދުވެރިކޮށް އިތުރު ވަރަށް ގިނަ ކަންކަން އަދިވެސް ކުރެވޭނެއެވެ. ހަމައެހެންމެ، ކުރާ ކަމަކާ އެކަށީގެންވާ ގޮތުގެ މަތީންވެސް ބޫޓުގެ ނާޑުވާ އެއްސޭނެކަމަށް ބުނެފައިވެއެވެ.

މިއީ ކުޅިވަރު ކުޅުންތެރީންނަށް އަދި ވަކީން ޚާއްޞަކޮށް ބާސްކެޓު ކުޅުންތެރިންނަށް ވަރަށް އެކަށީގެންވާ އުފެއްދުމެއްކަމަށްވާއިރު، މި ބޫޓު ޗާޖު ކުރަން ޖެހޭނެކަމަށް ނައިކީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަޖާމްބެ

    ތިބޫޓް މިސްކިތް ކައިރީ ބަހައްޓަބަލަ ވާގޮތެއްބަލަން ނާޑުވާއައްސަން ލިބޭތޯ

  2. އެއްކަލަ ކަލޭގެ

    ދުވަސްކޮޅަކުން ނަމާދުވެސް ކުރާނީ ފޯނުން ކަންނޭންގެ

  3. އެއްކަލަ ކަލޭގެ

    އެޕްލިކޭޝަން މެދުވެރިކޮށް ހިނގޭނަމަ ކިހާ ރަންގަޅު