އިހުގެ ސައްޔާހުންގެ ފޮތްތަކުން ރާއްޖޭގެ ވާހަކަ ފެންނަން އެބަ އޮތެވެ. ރާއްޖެއަށް ނިސްބަތްކޮށް އެކި ނަންނަމުން، އެފަރާތްތަކުން އެކި ނަންނަން ކިޔާފައި ހުރިކަން ފެންނަން އެބަ ހުއްޓެވެ. މާލްދީފް އާއި މަހަލްދީބް ފަދަ ނަންނަން ފެންނަން އެބަ ހުއްޓެވެ. ހަމައެހެންމެ، މޯލްޑިވް އައިލެންޑް ފަދަ ނަންނަންވެސް ކިޔާފައިވެއެވެ.

މިހާރު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ނުވަތަ އިނގިރޭސިބަހުން ރާއްޖެއަށް ރަސްމީކޮށް ކިޔާ އުޅޭ ނަމަކީ "މޯލްޑިވްސް" އެވެ. ނުވަތަ "ރިޕަބްލިކް އޮފް މޯލްޑިވްސް" އެވެ.

އެހެންނަމަވެސް، އެނގޭ ހެއްޔެވެ. މި ނަން ރާއްޖެއަށް ކިޔަން ފެށިތާ އަދި މިވީ ބައި ގަރުނެވެ. ނުވަތަ 50 އަހަރެވެ. މިހާރު މިއީ އަޅުގަނޑުމެންގެ ކަންފަތުގައި އެންމެ ފަރިތަ ނަން ކަމުގައިވިޔަސް، ކުރިން ރަސްމީކޮށް ކިޔާ އުޅުނީ "ދި މޯލްޑިވް އައިލެންޑްސް" އެވެ.

ޤައުމީ އަރުޝީފުން ބުނެފައިވާ ގޮތުގައި މި ގޮތަށް ރާއްޖޭގެ ނަމަށް ބަދަލު ކުރީ 1969 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެހެންކަމުން، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހަށް، މިކަމަށް މިވީ 50 އަހަރެވެ.

1965 ވަނަ އަހަރު ރާއްޖެ އދ.ގެ މެންބަރަކަށްވެ، އެޖަމިއްޔާގައިވެސް ބޭނުން ކުރަމުން އައީ މޯލްޑިވް އައިލެންޑްސްގެ ނަމެވެ.

21 ޖަނަވަރީ 1969 ގައި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ނުވަތަ މިހާރުގެ ފޮރިން އެފެއާޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަސްމީކޮށް ރާއްޖޭގެ ނަން މޯލްޑިވް އައިލެންޑްސް އިން މޯލްޑިވްސް އަށް ބަދަލުވެފައިވާކަމަށާއި އެހެންކަމުން ވެރިކަމުގެ ނަންވެސް ބަދަލުވެފައިވާކަމުގައެވެ.