ފުރިހަމަ ރަތް ހަނދު ކޭތައެއް، މަޝްހޫރު ނަމުން ނަމަ "ބްލަޑް މޫން" ހަނދު ކޭތައެއް މާދަމާ ހިފާނެ ކަމަށް އެމެރިކާގެ ޖައްވީ ކަންތައްތަކާ ބެހޭ އިދާރާ "ނާސާ" އިން ބުނެފިއެވެ.

މާދަމާ ހިފާ މި ހަނދު ކޭތަ ދެކުނު އަދި އިތުރު އެމެރިކާ, ޔޫރަޕް އަދި ކެރޭބިއަންގެ ގައުމުތަކަށް ފެނާނެއެވެ. ނަމަވެސް މި ކޭތަ ރާއްޖެއަަށް ފެނުމުގެ ފުތުސަތެއް ނެތެވެ.

މި ކޭތަ އެއް ގަޑިއިރާއި ދެ މިނެޓަށް ދެމިގެން ދާއިރު މި ޒާތުގެ ހަނދު ކޭތައެއް އެންމެ ފަހުން ހިފީ މިދިޔަ ޖުލައި މަހުއެވެ. އެ ފަހަރު ހިފި ކޭތަ ރާއްޖޭގެ އިތުރުން އޭޝިޔާ އާއި ޔޫރަޕާއި އެފްރިކާގެ އިތުރުން ދެކުނު އެމެރިކާގެ ހުރިހާ ގައުމުތަކަށް ފެނުނެވެ. ނަމަވެސް އެމެރިކާ އާއި ކެނެޑާ އަދި ގްރީންލޭންޑަށް މިރޭގެ ރީތި ފުރިހަމަ ހަނދު ކޭތައިގެ އެއްވެސް ނަސީބެއް ނުލިބުނެއެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ.

ހަނދު ކޭތަ ހިފާއިރު ނުވަތަ ބްލަޑް މޫން އެއްގައި ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އިރާއި ހަނދުގެ ދެމެދަށް ދުނިޔެ ވަނުމުންނެވެ. އެކަމުގެ ސަބަބުން ހަނދަށް އެޅިގެންދާ އިރުގެ ދޯދި ދުނިޔޭގެ ޖައްވުގައި ޖެހި ރިވެރި (ރިފްރެކްޓް) ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގޮތަށް ރިވެރި ވެގެން ދަނީ ރަތް ކުލައިގެ ދޯދިތަކެވެ. ކޭތަ ހިފާ ވަގުތު ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އެއީއެވެ.

ފުރިހަމަ ހަނދުކޭތައެއް ދެން ފެންނާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުއެވެ. އެ ހަނދުކޭތަވެސް ޔޫރަޕާއި އޭޝިއާ އާއި އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކަށް ފެނިގެންދާނެއެވެ.