އެ މަންޖެ ލައިގެން ހުރީ ރަތް ލިބާހެއްގެ ފަރުމާއަށް ހުރި ހެދުމަކާއި ކަޅު ފޭއްޔެއްގެ ޑިޒައިނަށް ހުރި ތިރިއެކެވެ. މޭ މަތިން ފައިދިގު މަކުނެއްގެ ކުރެހުމެއް ފެނެއެވެ. ބައްޓަން ރީއްޗެވެ. ނަމަވެސް އިސްތަށިގަނޑާއެކު މަކުނު ވަލެއްގެ ކުރެހުމެއް ހުރި މޫނުމައްޗެއް އަޅާފައި ހުރުމުން މޫނެއް ނުފެނެއެވެ.

މިދައްކަނީ ހޮލީވުޑްގައި މަޝްހޫރުވި ސްޕައިޑަމޭންގެ ދިވެހިންގެ ސުޕަހީރޯގެ ވާހަކައެވެ. ސްޕައިޑާ މަންޖެއެވެ. ސްޕައިޑަމޭންއަށް ލިބިފައިވާ ހުނަރުތަކުގެ އިތުރުން އެއްޗެހީގެ އެތެރެއިން ދިއުމުގެ ބާރު އެ މަންޖެއަށް ލިބިފައިވެއެވެ.

އައިމަންގެ ސްޕައިޑާ މަންޖެ

ނަމަވެސް މިއީ ހަމައެކަނި ހިޔާލީ ކުރެހުމެކެވެ. އުމުރުން އެންމެ 19 އަހަރުގެ އައިމަން މުހައްމަދު ވުޖޫދުކުރަން ފެށި ސުޕަހީރޯތަކުގެ ފެށުމެވެ. މިއަދު އޭނާއަކީ ހަސަން ތަކުރާއި އައިމިނާބީއަށް އުދަނގޫ ކުރި ފޫޅުދިގު ހަންޑިއާއި ދިވެހިންނަށް މަޝްހޫރު ކަނޑު ފުރޭތަ ނުވަތަ ރަންނަމާރި ސުޕަހީރޯއަކަށް ހަދައިދިން ހުނަރުވެރިޔާއެވެ.

ހިތްޖެހުނީ މައުރަޒަކުން، މަސައްކަތް ފެށީ އުމުރުން 17 އަހަރުގައި

ގައުމީ ޔުނިވާސިޓީން ޕޮލިޓިކަލް ސައިންސް ކިޔަވަމުން އަންނަ އައިމަން މީގެ ކުރިން ޑިޖިޓަލް އާޓްސްގެ މަސައްކަތްކުރީ ފޫހިވުމުން ނުވަތަ މީހަކު ބުނުމުންނެވެ. ނަމަވެސް އެކަމަށް ހިތް ޖެހުނީ މީގެ ދެ އަހަރެއް ކުރިން މައުރަޒަކުން ފެނުނު ޑިޖިޓަލް އާޓްސްގެ މަސައްކަތްތަކަކުންނެވެ.

އޭނާގެ އުފެއްދުންތައް ގިނަ ބަޔަކަށް ކަމުދިއުމުން ލިބުނު ހިތްވަރު ވެގެންދިޔައީ އައިމަންގެ ޑިޖިޓަލް އާޓްސް މަސައްކަތުގެ ފެށުމަށެވެ. ފަށައިގަތްއިރު ޕޯޓްރެއިޓް އެއްޗެހި ކުރަހާ ހެދިނަމަވެސް، އެހުނަރު އޭނާ ކުރިއެރުވީ އެހެން މީހުން ހަދާފައި ހުންނަ އެއްޗެހި ބަލައިގެން ހިޔާލު ހޯދައިގެންނެވެ.

އައިމަންގެ ޑިޖިޓަލް އާޓް މަސައްކަތުގެ ތެރެއިން

"ޕިންޓްރެސްޓް ނޫނީ އިންސްޓަގްރާމްގައި އުޅޭ ޑިޖިޓަލް އާޓިސްޓުން، ނުވަތަ އަތުން ކުރަހާ ޓްރެޑިޝަނަލް އާޓިސްޓުން ވެސް ރީއްޗަށް ކުރަހާ މީހުން ފޮލޯކޮށްގެން އެ މީހުންގެ އެއްޗެހި ބަލައިގެން އައިޑިއާ ލިބިގެން އަމިއްލަ އެއްޗެހި ހަދަނީ،" އއ.އުކުޅަހަށް އުފަން އައިމަން ބުންޏެވެ.

އައިމަންގެ ޑިޖިޓަލް އާޓް މަސައްކަތުގެ ތެރެއިން

ސްޕައިޑާ މަންޖެ، ދިވެހި ސުޕަހީރޯތަކުގެ ފެށުން!

އައިމަންގެ ޑިޖިޓަލް އާރޓް މަސައްކަތްތަކުގެ ތެރެއިން ދިވެހިން އެންމެ ގަޔާވީ ދިވެހި ސުޕަރ ހީރޯ ކެރެކްޓާތަކަށެވެ. އެކަން ފެށިގެން އައީ ސްޕައިޑަމޭން ބެލުމަށްފަހު އައި ހިޔާލެއްގެ މައްޗަށް ބިނާކޮށް ކުރަހާލި ސްޕައިޑާމަންޖެއިންނެވެ.

"ބައެއް އާޓިސްޓުން ކުރަން ފެށިކަމެއް އެމީހުންގެ އަމިއްލަ ސްޕައިޑާ ޕާސަންއެއް ހެދުން. ދެން އަހަރެން ހިތައް އެރީ އަދި ނުފެނެޔޭ ދިވެހި މީގެ އެއްޗެއް، ދިވެހި ސްޕައިޑާމޭންއެއް ނުފެނެއޭ. ދެން ލިބާސް ލައްވާފައި އަންހެން ކުއްޖެއް ޑިޒައިން ކުރީ. ދެން އެ ލީމަ ވަރަށް ގިނަ މީހުންނަށް ކަމުދިޔަ ސްޕައިޑަމަންޖެ". ސްޕައިޑަމަންޖެގެ ހިޔާލު އައިގޮތް އައިމަން ކިޔައިދިނެވެ.

އެގޮތުން ސްޕައިޑާމަންޖެ ގިނަ ބަޔަކަށް ކަމުދިޔުމުން އިތުރު ކެރެކްޓާތައް ހަދަން އޭނާ ބޭނުންވި ކަމަށެވެ.

"ދެން ފެނުނީ އަމީން ކިޔާ މީހަކު ކުރަހަފާއި ހުރި ފޯލްކް ލޯ ސީރީޒްއެއް. އޭނާ ހަދާފައި އިނީ ފުރޭތަ އާއި ހަންޑި އާއި، ހަމަ ކްލާސިކް ފޯލްކްލޯގައި ހުންނަ، އޭނާގެ އަތު ކުރެހުންތަކެއް. އެ އެއްޗެހި ވަރަށް ރީތިވީމަ އަހަރެން ބޭނުންވީ ޓްރައި އަމިއްލަ ކެރެކްޓާތައް ހަދަން". އައިމަން އިތުރަށް ބުންޏެވެ.

އައިމަންގެ ޑިޖިޓަލް އާޓް މަސައްކަތުގެ ތެރެއިން ދިވެހި ސުޕާހީރޯތައް

އެގޮތުން އައިމަން އެކަން ކުރަމުންދިޔައީ ދިވެހި ފުލޯކު ވާހަކަަތަކުގައި ހިމެނޭ އެއްޗިއްސާއި ދިވެހި ނަކަތްތަކުގެ ނަން ދީގެންނާއި ރާއްޖެއާ ގުޅޭ ކޮންމެވެސް ޖަނަވާރަކާ ގުޅުވައިގެން ސުޕަހީރޯ ކެރެކްޓާތަކެއް ވުޖޫދު ކުރުމަށެވެ.

އޭގެ ތެރެއިން ހުވަން ނަމަކަށް ކިޔާ ކަނޑުތަކާއި ޖައްވު މައިތިރިކުރުމުގެ ބާރު ދީފައިވާ ކެރެކްޓާއަކާއި އެންމަ ނަމަކަށް ކިޔާ ޖަނަވާރުންނާ ވާހަކަދައްކާ އަދި އެއްޗެހި ކޮންޓްރޯލް ކުރުމުގެ ބާރު ލިބިފައިވާ ކެރެކްޓަރަކާއި ފުސް ނަމަކަށް ކިޔާ މަޑިއެއްގެ މަތީގައި އުޅޭ ކެރެކްޓާއެއް ހިމެނެއެވެ.

އައިމަންގެ ޑިޖިޓަލް އާޓް މަސައްކަތުގެ ތެރެއިން ދިވެހި ސުޕާހީރޯތައް

އަދި އދ. ދަނގެތި މީހުން ހަނދު ރުނބަޔަށް ލީ ވާހަކައިގެ މައްޗަށް ބިނާކޮށް މިޔަހެލީގެ ނަމުގައި ވެސް އައިމަން ވަނީ ސުޕަހީރޯއެއް ވުޖޫދު ކޮށްފައެވެ. ކަޅު ފޭއްޔެއް އަނދެގެން ހުންނަ އަދި އަތުގައި ރާބައްޖެއް އޮންނަ އެ ކެރެކްޓާއަކީ ތަންތަނަށް ވަގުތުން ދަތުރުކުރުމުގެ ބާރާއި ހަނދު ނަގައި ރާބަށްޖަށް ލުމުގެ ގާބިލްކަން ލިބިފައިވާ ކެރެކްޓާއެކެވެ.

މިގޮތަށް އޭނާ މިހާރު ހަތް ކެރެކްޓާ ކުރަހާފައިވާއިރު، އައިމަންގެ އަމާޒަކީ ދިވެހި 9 ސުޕަހީރޯގެ ޓީމެއް ހަދާށެވެ. އަދި މިހާރު އިތުރު ކެރެކްޓާގެ މަސައްކަތް ކުރަމުންދާއިރު އައިމަން ބުނާގޮތުން މީގެން ކެރެކްޓާއެއް ކުރަހާލުމަކީ އުދަނގޫ ކަމެއް ނޫނެވެ.

އުއްމީދަކީ ކެރެކްޓާތައް ބޭނުންކޮށްގެން ވާހަކަފޮތެއް ނުވަތަ އެނިމޭޝަނެއް ހެދުން!

ކޮންމެއަކަސް އައިމަންގެ ސުޕަހީރޯތައް ވައިގަ ހިފައިފިއެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް މި އެއްޗެހި ކަމު ގޮސްފިއެވެ. ނަމަވެސް އައިމަންގެ މި މަސައްކަތް އޮތީ ކުރިއަށެވެ.

އައިމަންގެ ޑިޖިޓަލް އާޓް މަސައްކަތުގެ ތެރެއިން ދިވެހި ސުޕާހީރޯތައް

އޭނާ ބުނިގޮތުގައި، އުއްމީދަކީ އޭނާ ހެދި ކެރެކްޓާތައް ބޭނުންކޮށްގެން ކޮމިކެއް ނުވަތަ ވާހަކަފޮތެއް ހެދުމެވެ. އެކަން ނުވެއްޖެ ހާލަތެއްގައި ބެކް ސްޓޯރީސްތަކެއް ނުވަތަ އެނިމޭޝަންއެއް ހެދުމަށް މަސައްކަތް ކުރާނެކަމަށް އައިމަން ބުންޏެވެ.

ޑިޖިޓަލް އާޓްސްގެ ދާއިރާއިން އިތުރަށް ކުރިއަށްގެންދަން އޭނާ ބޭނުންވި ނަމަވެސް، އޭނާ އެ ދާއިރާއިން ކިޔަވާކަށް ބޭނުމެއް ނޫނެވެ. އެއީ އޭނާ ހޮބީއަކަށް ކުރާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢ.ހ

    ދިވެހިން ހެދުންލައި އުޅޭ ގޮތެއްނޫން ތިޔަކީ ވަރަށް މުޑުދާރު ކާޓޫން ފޮޓޯތަކެއްތީ ތިއާޓިކަލް ވަގުތުން ނެގުމަށް....

  2. މުހައްމަދު

    ނަސޭހަތެއް: ތިޔަ ތަކެތި ތިޔަ ހަދަނީ ރާއްޖޭގެ މީހުންނަށް އަމާޒުކޮށްގެން ކަމަށްވާނަމަ، ދިވެހިންނަކީ މުސްލިމުންކަން ހަނދާންކުރަން ޖެހޭ. ވާހަކަ ފޮތާއި އެނިމޭޝަން އުފައްދާފަ 18 އަހަރުން މައްޗަށް ބޭނުންކުރެވޭ ގޮތަށް ހުރެއްޖެ ނަމަ ކުޑަކުދިންގެ އޯޑިއެންސު ގެއްލިގެން ދިޔައީ. ވީމާ ހެދުންތައް ތަންކޮޅެއް އިސްލާހުކޮށްލުން ރަނގަޅު. އަދި ސްޕަރހީރޯގެ މާނައަކީ ކަލާނގެއެއް ނޫންކަންވެސް ހަނދާންކުރަންޖެހޭ. އަމިއްލަވަންތަވުމަކީ ޣައިރު މުސްލިމުންގެ އެއްޗެތީގައި ހުންނަ ހުރިހާ ކަމެއް ބެހެއްޓުމެއް ނޫން. ހަމައެކަނި ދިވެހި ނަންތަކެއް ކިޔާފަ ލިބާހާއި ފޭލި އެންދެވުމަކުން ދިވެހިވަންތަ ވީކަމަކަށް ނުވާނެ

  3. ހަޒާޑް

    ވަރަށް ސަޅި އެނގޭ....ސާބަހޭ ތިކުރާ ހިއްވަރަށް

  4. ނާސާ

    ލިބާސް ލައިފަ ހުރި ކުއްޖާ ހީވަނީ އޭލިއަން އެންހެން.

  5. ާއަ ފޭން

    ޑޭމްމް ސަން.... ދީސް އާ އަމޭޒިން ????

  6. ވެރިޔާ

    ފޫޅުދިގު ހަންދި އަކީ އެޒަމާނުގައި ރާއްޖޭގައި އުޅުނު ރަސްކަލެއް.. އޭނަ ދިވެހި އަންހެން ކުދިން ކައިރިއަށް ވަންނަން ވެގެން ދަށްކައިގެން އުޅުނު ވާހަކައެއް އެއީ...