ޖެހިފައިވާ ބައްޔެއްގެ ސަބަބުން އައު ހިތެއް ލައްވަން ޖެހިފައިވާ އެންމެ 3 ހަފުތާގެ ކާޓާ ކުކްސަން ނިޔާ ވެއްޖެއެވެ. މިކުއްޖާ ނިޔާވެފައި ވަނީ އިނގިރޭސި ވިލާތުގެ ނިއު ކާސަލްގައި ހުންނަ ފްރީމޭން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހޮނިހިރު ދުވަހު އެވެ.

ކާޓާ ކުކްސަން އުފަންވި ދުވަހުން ފެށިގެންވެސް އެ ކުއްޖާގެ މައިންބަފައިން ވަނީ މީސް މީޑިއާ މެދުވެރި ކޮށް އެކި ގޮތް ގޮތުން އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އައު ހިތެއް ދޭނެ ފަރާތެއް ހޯދަމުންނެވެ.

ކާޓާ އަކީ ކްރިސް އާއި ސޭރާ އަށް ލިބުނު ދެވަނަ ދަރިފުޅެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅުވެސް ވަނީ އެ ކުއްޖާގެ އުމުރުން 2 އަހަރުގައި ނިޔާވެފައެވެ.

"އަހަރުމެންގެ އެ ހިތްވަރުގަދަ ކާޓާ ޖޯޏް ކުކްސަން މިއަދު އުދުހިގެން އެ ދިޔައީ އޭނާގެ ބޭބެގެ އަތުތެރެޔަށް. ދުނިޔޭގައި އޮތުމަށް ކުރި ހަނގުރާމައިން ކުރި ނުލިބިގެން." ކާޓާ ގެ މަންމަ ބުނެފައި ވެއެވެ.

ކާޓާ ކުކްސަން އުފަންވި ފަހުން ވަނީ 3 ފަހަރަށް ހާޓް އެޓޭކް ވެސް ޖެހިފައެވެ،

"އަހަރުމެންގެ ހިތް ހަލާކުވެއްޖެ. އަހަރުމެންގެ 2 ކުދިން ވަނީ އަހަރުމެންނާ ނުލާ ސުވަރުގޭގަ. އަހަރުމެންނަށް އިހުސާސް ކުރެވެނީ ފަޅުކަން އަދި އަހަރުމެންގެ ހިތް ވަނީ ކުދިކުދިވެފަ."

މީގެ އިތުރުން ސޭރާ ބުނެފައި ވަނީ މިއަށްވުރެން ބޮޑު ހިތްދަތިކަމެއް އެމީހުންނަށް ނުލިބޭނެ ކަމަށާއި އެމީހުންގެ ހިތް ވަނީ ކާޓާ އާއި އޭނާގެ ބޭބެއާ އެކުަގައި ކަމަށެވެ.

ކާޓާ ގެ މަންމަ އާއި ބައްޕަ ފޭސްބުކް ޕޯސްޓް އެއްގައި ލިޔެފައި ވެއެވެ. " އަހަރުމެންގެ ހިތް ދަނީ ކުދިކުދިވަމުން. އަހަރުމެންގެ ދަރިފުޅު އަހަރުމެންނާ ވަކިވެގެން ދާއިރު އެޙި ދޭނެ ފަރާތެއްގެ ފޯނު ކޯލެއްވެސް ނުލިބޭ"

ކާޓާ ކުކްސަންގެ މަރަށްފަހު އޭނާގެ މައިންބަފައިން ވަނީ ޗާރލީ ކުކްސަން ފައުންޑޭޝަން އިން ބަލިހާލަތު ބޮޑު ކުޑަކުދިންގެ އާއިލާތަކަށް އެހީވުމަށް ނިންމާފައެވެ. އަދި ކާޓާ ކުކްސަން އަށް އެހީވުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށްވެސް އެމީހުންވަނީ ޝުކުރު އަދާކޮށްފައެވެ.