ހޮސްޕިޓަލުތަކަކީ އިންސާނިއްޔަތުކަމަށްޓަކައި އެންމެ ބޮޑެތި މަސައްކަތް ކުރަން ޖެހޭ ފަރާތްތަކެވެ. ފަރުވާތެރިކަމާއި، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ބައެކެވެ. ކަންކަން މިހެން ވާން ޖެހުނުކަމުގައިވިޔަސް، ދުނިޔޭގެ އެކި ތަންތަނުގައި ކަން އޮތީ މިގޮތަކަށް ނޫނެވެ.

ކުދިން ވިހެއުމަކީ ވަރަށް ރައްކާތެރިކޮށް ކުރަން ޖެހޭ ކަމެއްކަމުގައިވިޔަސް، ހޮސްޕިޓަލުގައި ޖާގަ ނެތްކަމަށް ބުނެ އެތަނަށް ވައްދަން ދެކޮޅު ހެދުމުން އަންހެނަކަށް ވަނީ މަގުމަތީގައި ވިހަން ޖެހިފައެވެ.

އަވަށްޓެރި އިންޑިޔާގެ ބައެއްގެ ގޮތުގައި އޮންނަ ކަޝްމީރުގައި މިކަން ހިނގާފައިވާއިރު އަންހެން މީހާއަށް އެދެވޭނެ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ މީހެއްވެސް އެތަނުގައި ނެތެވެ. ނަތީޖާއެއްގެ ގޮތުން ވިހޭތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތުއްތު ކުއްޖާ ވަނީ މަރުވެފައެވެ. މަރުވި ތުއްތު ކުއްޖާއަކީ އަންހެން ކުއްޖެކެވެ.

މަންމަގެ އާއިލާގެ މީހަކު ނޫސްތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މަގުތަކުގައި ސްނޯވ އޮތުމުގެ ސަބަބުން އޭނާ ވިހަން ގެންދިޔައީ އެމީހުން ދިރިއުޅޭ ގޭގެ ސަރަޙައްދުގައި ހުންނަ ކުޑަ ހޮސްޕިޓަލަކަށެވެ. އެހެންނަމަވެސް، އެތަނުން އެންގީ އެހެން ހޮސްޕިޓަލަށް ދިއުމަށެވެ. ޖާގަ ނެތްކަމަށް ބުނެ ވައްދަން ދެކޮޅު ހެދީ ފަހުން ދިޔަ ހޮސްޕިޓަލުންނެވެ.

މިކަމާ ގުޅިގެން އަންހެން މީހާ އެޑްމިޓް ކުރަން ދެކޮޅު ހެދި ޑޮކްޓަރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު