ޗައިނާގެ ޝާންޝި ޕްރޮވިންސްގެ ޑަސްޕިނެއްގެ ތެރޭ ރަތް ކޮތަޅެއްގެ ތެރެއަށްލާފައި އޮތް އެންމާބަނޑު ދެކުދިން ފެނިއްޖެއެވެ.

އެ ދެކުދިން ޑަސްޕިނުގެ ތެރެއިން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ޑަސްޕިން ސާފުކުރަމުން ދިޔަ މީހަކަށެވެ. ދެކުދިން ފެނުމާއެކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވެން ފެށިފައެވެ.

ޑަސްޕިނުގެ ތެރެއިން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ފެނިފައިވާއިރު، އަންހެން ކުއްޖާ ވަނީ ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ. އަދި ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި ފިރިހެން ކުއްޖާގެ ހާލު ފަރުވާއަށްފަހު ސްޓޭބަލްއެވެ.

ފިރިހެނަކު މި ދެކުދިން ރަތް ކޮތަޅަކަށް ލައިގެން ގޮސް ޑަސްބިނަށް ލާފައި ދާ މަންޒަރު އެހިސާބުގައިވި ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފައެވެ.

ޝާންޝިގެ މީޑީއާތަކުން ހާމަކުރާ ގޮތުގައި މި ދެކުދިން އުފަންވެފައި ވަނީ މީގެ 28 ދުވަސް ދުވަސް ނުފުރައެވެ. އަދި މި ކުދިން އުފަންވި އިރު ފިރިހެން ކުއްޖާގެ ބަރު މިނަކީ އެންމެ 900 ގުރާމެވެ.

ޗައިނާ ފުލުހުން މިހާރު ދަނީ މި ދެކުދިންގެ މަންމަ އާއި ބައްޕަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ސީސީޓީވީ ކެމެރާއިން ފެނުނު ފިރިހެން މީހާ އަކީ މި ދެކުދިންގެ ބައްޕަކަން އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

" 2 ކޮތަޅުގައި ވަނީ ދެކުދިން، އެއް ކުއްޖަކު ނޭވާ ނުލައޭ ބުންޏަސް ރަނގަޅުވާނެ، އެކަމަކު ފިރިހެން ކުއްޖާގެ އަތް ހަރަކާތް ކުރޭ،" ޑަސްޕިނުގެ ތެރެއިން އެ ދެކުދިން ފެނުނު މީހާ ބުނެފައި ވެއެވެ.

ޗައިނާގެ ނޯތު ހޮސްޕިޓަލްގެ ޑރ. ސޯންގް ޝައޯފެންގް މީޑިއާ ތަކަށް ހާމަކޮށްފައިވާގޮތުގައި ފަރުވާ އަށްފަހު ފިރހެން ކުއްޖާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު އެކުއްޖާ ވަނީ ޗައިނާގެ ޗިލްޑްރެންސް ވެލްފެއަރ އިންސްޓިޓިއުޓް ގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު