އިންޑިއާގެ އެންމެ މަޝްހޫރު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޝާލް ބަރަދްވާޖްގެ ދަރިފުޅު އާސްމާން ބަރަދުވާންޖް ޑައިރެކްޝަނަށް ނުކުންނަން ނިންމައިފިއެވެ.

އާސްމާނާ ބެހޭ ގޮތުން އޭނާގެ މަންމަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ރޭކާ ބަރަދްވާޖް ބުނީ ދަރިފުޅުގެ އަލަތު ފީޗާ ފިލްމު، މެއި މަހުގެ ތެރޭގައި ލޯންޗް ކުރާނެ ކަމަށެވެ. އާސްމާން ވަނީ ނިއު ޔޯކް ފިލްމު އެކެޑަމީއިން ތައުލީމް ހާސިލްކޮށްފައެވެ.

ރޭކާ ބުނި ގޮތުގައި އާސްމާން ވެސް ޝައުގުވެރިކަން ހުންނަނީ އާސްމާންގެ ބައްޕަ ފަދައިން ތުރިލާ ޖޯންރާގެ ޑާކް ފިލްމުތަކަށެވެ. އޭނާ ވަނީ 2009 ގައި ވިޝާލް، ޝާހިދު ކަޕޫރާއި ޕްރިޔަންކާއާއެކު ގެނެސް ދިން "ކަމީނޭ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި އާސްމާންގެ އަމިއްލަ ކުރު ފިލްމުތަކެއް ވެސް ވަނީ ހަދައިފައެވެ.

މީގެ އިތުރުން، ރޭކާ ބުނީ ދަރިފުޅަކީ ބައްޕަ ގޮތަށް މިއުޒިކް ހަދައި، ލަވަ ވެސް ލިޔާ މީހެއް ކަމަށާއި އޭނާގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި އޭނާ ކުރިއަށް ދިޔުމަށް ދެ މީހުން ވެސް ވަރަށް ހިތްވަރު ދޭ ކަމަށެވެ.

"އޯމްކާރާ" އާއި ""މަގުބޫލް" އަދި "ހައިދަރު" ފަދަ ފިލްމުތައް ގެނެސް ދިން ވިޝާލް އެންމެ ފަހުން ގެނެސް ދިން ފިލްމު "ޕަޓާހާ" ވަނީ ފްލޮޕްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު