ރޭ ޔޫތް ސެންޓަރގައި މިއުޒިކާއި ނެށުން ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަންނާނުންނާ އެކު ބޭއްވި ފޯރަމްގައި އެފަރާތްތަކަށް ދިމާވެފައިވާ އެކި ކަހަލަ ދަތިތަކާއި ގޮންޖެހުންތަކުގެ ވާހަކަތައް ވަނީ ހިއްސާކޮށްފައިއެވެ.

މިނިސްޓަރު ވިދާޅުވީ ފަންނާނުން ކުރިއަރުވަން މަސައްކަތްކުރާ އިރު އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށް ދިއުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި ވެސް ފަންނާނުންނާ އެކު ފޯރަމްތައް ބޭއްވުމުގެ އިތުރުން، ވަކިވަކިން ފަންނާނުންނާ ބައްދަލުކޮށް އަދި އެ ނޫން ވެސް ގޮތްގޮތަށް އެ މީހުންގެ ހިޔާލު ހޯދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަނީ ފަންނާނުން ކުރިއަރުވަން މަސައްކަތްތައް ކުރަން ރާވަމުން. އަދި ފަންނާނުންގެ ހުރި ކަންބޮޑުވުންތައް އަޑު އަހައި އެ މީހުންނަށް ދަތިވާ ކަންކަން ކޮށްދޭން މަސައްކަތް ކުރަމުން،" ޔުމްނާ ވިދާޅުވި އެވެ. "މިހެން ދެންނެވިޔަސް ގަބޫލު ކުރައްވަން ވާނެ ހުރިހާ ކަމެއް ކުއްލިއަކަށް ނުވާނެކަން. އެންމެ އާދައިގެ ކަންކަމުން ފެށިގެން ގޮސް ބޮޑެތި ކަންކަން ވެސް ހައްލުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން."

މިއުޒިކް ކުޅޭ ފަންނާނުން މައިގަނޑު ގޮތެއްގައި ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހި ފަންނާނުންނަށް މިއުޒިކް ކުޅެން ފުރުސަތު ލިބުން މަދުވުމާއި ދިވެހި ފަންނާނުންގެ އަގު ވެސް ރިސޯޓްތަކުން ފާހަގަނުކުރާ މައްސަލަ އެވެ.

މީގެ އިތުރުން ދިވެހި މިއުޒިޝަނުން ކުރާ މަސައްކަތުގެ އަގު ސަރުކާރުން ވެސް ވަޒަންކުރުން ކުޑަވުމާއި ދާއިރާ އަށް ގިނަ ދުވަހު ހިދުމަތްކޮށްފައި ވިޔަސް، ރިޓަޔާކުރާ ހިސާބަށްދާ އިރު، ޕެންޝަން ކަހަލަ އެއްވެސް ފުރުސަތެއް ވެސް އެފަދަ ހިދުމަތްތެރިންނަށް ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް ބައެެއް ފަންނާނުން ފާހަގަކޮށްފައިވެ އެވެ.

އަދި ފަންނާނުންގެ އަރުޝީފެއް ރާއްޖޭގައި ނެތުމާއި ފަންނާނުން ރެޖިސްޓްރީކުރުން ދަތިވުމާއި ފަންނާނުންގެ އައިޑެންޓިޓީ ކަށަވަރު ކުރެވޭނެ ރަސްމީ އުސޫލެއް ހަމަޖެހިފައި ނެތުން ފަދަ މައްސަލަތައް ވެސް ބައެެއް ފަންނާނުން ފާހަގަކުރި އެވެ. އަދި ދިވެހި ސަގާފަތް އޮޅުންބޮޅުންވާ ގޮތަށް މިހާރު ކަންކަން ކުރެވެމުންދާތީ އެއީ ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ފަންނާނުން ކުރިއަރުވަން އުފައްދާފައިވާ މުއައްސަސާ، ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ވެސް މިހާރަށް ވުރެ ހަރުދަނާކޮށް ހިންގަން ޖެހޭ ކަމަށް ފަންނާނުން ބުންޏެވެ.

ފޯރަމްގައި ރޭ ހިޔާޅު ފާޅުކުރި ބައެއް ފަންނާނުން ބުނި ގޮތުގައި ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމާއި ރާއްޖޭގައި ބާއްވާ ފެއާތަކަށް ސަގާފީ ގްރޫޕްތައް ހޮވާއިރު އިންސާފުން ބޭރުން ކަންކަން ހިނގާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ރިސޯޓްކުން ފަންނާނުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދެއްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ އެވެ. އެގޮތުން މިހާރު ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އިންސްޕެކްޝަނެއް ހަދަން ނިންމާފައިވާތީ އޭގެ ތެރެއިން މަންޒަރު ސާފުވެ، ދިވެހި ފަންނާނުންނަށް ކުރިމަތިވެފައި އޮތް މައްސަލައިގެ އަސްލު ވެސް ސާފުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރާ އިރު، ރިސޯޓްތަކުން ދިވެހި ފަންނާނުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށް ދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މީގެ އިތުރުން ބޭރުގެ ފެއާތަކަށް ގެންދާ ސަގާފީ ގްރޫޕްތައް ހޮވަން ކުރިއަށް ގެންދާ ޕްރޮސެސް އެމްއެމްޕީއާރްސީގެ ތެރެއިން ސާފުކޮށް، ކަންކަން އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔުމް

    އެއީ އިބުރާފަދަ ފައްނާނުންނަށްތޯ ކަމަނާ

  2. ޢާއިޟަރު އަހްމަދު

    ކަމަނާގެ ބައްޕަ ދިރުވި ކަންކަން ޤައުމުގަ ދިރުވާ، ބާރު އޮތް އިރު ދިރުވާ، މާދަމާ ޤިޔާމަތް ދުވަހު ބައްޕަގެ ތަރިކަ ދިރުވިޔޭ ބުންޏަސް ނުފިލޭނެ، ޙިސާބު ބެއްލެވޭނެ. ކަމެއް ކުރައްވާއިރު މިކުރެވެނީ ހެޔޮ ކަމެއްތޯ ނުވަތަ ނުބައި ކަމެއްތޯ، ނުބައި ކަންކަމަށް މަގުފަހިވާ ދޮރެއްތޯ މިހުޅުވެނީ ބެލުން މުހިއްމު.