ޗެޓް ކުރުމާއި ފޯނު ކުރުމުގައި ބޭނުން ކުރާ އެންމެ މަޝްހޫރު އެއް އެޕްލިކޭޝަން ކަމަށްވާ "ވަޓްސްއެޕް" މިރޭ ޑައުން ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯނާއި އެންޑްރޮއިޑް ބޭނުން ކުރާ ފަރާތްތަކަށް ވެސް ވަޓްސްއަޕް ބޭނުން ނުކުރެވޭ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ވަޓްސްއެޕް ޑައުން ވެފައިވާ ކަމަށް ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ޑައުން ވެއްޖެކަން އަންގައިދޭ ވެބްސައިޓްތަކުން ކަށަވަރު ކޮށްދިން ނަމަވެސް މިކަމާއި ގުޅިގެން ވަޓްސްއެޕް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަޓްސްއެޕް ބޭނުން ކުރުމުގައި ދަތިތައް ދިމާވެފައި ވަނީ މެއިންޓެއިންސްގެ މަސައްކަތެއް ކުރާތީ ކަމަށް ވެސް ވަޓްސްއެޕްގެ ވެބްސައިޓަކުން ނުބުނެއެވެ. އަދި މައްސަލަ ހައްލުވެ ކުރިއެކޭ އެއްގޮތައް ދެން ޚިދުމަތް ލިބޭނެ އިރެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ވަޓްސްއެޕް ޑައުން ވުމުން އެޕްލިކޭޝަން ލޯޑް ނުވުމާއި ފޮނުވަން މަަސައްކަތް ކުރާ މެސެޖްތައް ނުފޮނުވި ފެއިލް ވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ދޮގު މައުލޫމާތުތައް ވަޓްސްއެޕް މެދުވެރިކޮށް ފަތުރާތީ ވަޓްސްއެޕް އިން ވަނީ މެސެޖް ކުރެވޭ މީހުންގެ އަދަދު ދާދިފަހުން މަދުކޮށްފައެވެ. ވަޓްސްއެޕް މެދުވެރިކޮށް ފަތުރާފައިވާ ދޮގު ޚަބަރުތަކުގެ ސަބަބުން ހިނގާފައިވާ މާރާމާރީތަކުގައި މީގެ ކުރިން ބައެއް މީހުން މަރުވެފައި ވެއެވެ.

ވަޓްސްއެޕް އަކީ ފޭސްބުކްގެ އެޕްލިކޭޝަނެކެވެ. ފަހަކަށް އައިސް ފޭސްބުކް އާއި އެކުންފުނީގެ އިންސްޓަގްރާމް އަދި މެސެންޖާ ޑައުން ވުމުގެ މައްސަލަތައް ވެސް ވަރަށް ގިނައިން ކުރިމަތިވެފައިވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އާއްމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ވަޓްސްއެޕް ބޭނުން ކުރާ މީހުންގެ އަދަދު 1.5 ބިލިއަނަށް އަރައެވެ.