މިއަހަރުގެ ފުރިހަމަ ރަތް ހަނދު ކޭތަ، މަޝްހޫރު ނަމުން ނަމަ "ސުޕަ ބްލަޑް ވޮލްފް މޫން" ހަނދު ކޭތަ މިދިޔަ އާދިއްތަ ދުވަހު ހިފި ވަގުތު ހަނދަށް ގިނި ހިލައެއް ވެއްޓިފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ބުނީ މިދިޔަ އާދިއްތަ ދުވަހު ހަނދު ކޭތަ ހިފަމުން ދިޔަ ވަގުތު "މޫން ޑިޓެކްޝަން އެންޑް އެނާލިސިސް" ސިސްޓަމުން ހަނދުގައި ގިނި ހިލައަކުން ޖެހުނު ކަން ހާމަ ވެފައިވާކަމަށެވެ.

ހަނދު ކޭތަ ހިފިތާ ކުޑަ އިރުކޮޅެއް ފަހުން ސައިންސްވެރިން ވަނީ ހަނދަށް ގިނި ހިލަ ވެއްޓޭ ފުޓޭޖެއް އާންމު ކޮށްފައެވެ. މި ފޫޓޭޖުން ފެންނަ ގޮތުގައި ވަރަށް އަލިގަދަ ވިދުމެއް، ގިނި ހިލަ ވެއްޓުމުގެ ސަބަބުން ހަނދުގެ އެއް ފަޅިއެއްގައި އުފެދިފައިވާ މަންޒަރު ފެނެއެވެ.

އާދިއްތަ ދުވަހު ހިފި ހަނދުކޭތަ އެއް ގަޑިއިރާ ދެ މިނެޓަށް ދެމިގެން ދިޔައިރު މި ޒާތުގެ ހަނދު ކޭތައެއް އެންމެ ފަހުން ހިފީ މިދިޔަ އަހަރު ޖުލައި މަހުއެވެ. އެ ފަހަރު ހިފި ކޭތަ ރާއްޖޭގެ އިތުރުން އޭޝިޔާއާއި ޔޫރަޕް، އެފްރިކާގެ އިތުރުން ދެކުނު އެމެރިކާގެ ހުރިހާ ގައުމުތަކަށް ފެނުނެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ.

ފުރިހަމަ ހަނދުކޭތައެއް ދެން ފެންނާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުއެވެ. އެ ހަނދުކޭތަވެސް ޔޫރަޕާއި އޭޝިއާ އާއި އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކަށް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެއްޔާ

    ތިޔަވާހަކަ ދެއްކޭކަށް ނެތް މިއުޅޭ ސޭކުން ބުނާނެ ތިހިރީ ކުރުފުވެފައޭ!

    • ޖާހިލިއްޔަ

      އެހެންވެޔޭ މަބުނަނީ ސައެންސާއި އެސްޓްރޮނޮމީގެ ވާހަކަ ނުލިޔެ ކޮންމެވެސް އެހެންވާހަކައެއް މިތާ ލިޔާށޭ

  2. ޖާާހިލިއްޔަ

    ކޮބާ ތިކުދީންގެ ބަހަކީ؟