ޓީ.ވީ.އެމް އިން 2014 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި "އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ހޯދި، ށ.ފޭދޫ ވަވަތި، އަލްޙާފިޒު ޢަބްދުއްރަޝީދަކީ އުފަންވި އިރުވެސް އޭނާގެ ވާއަތު ލޮލަން ފެންނަ މީހެއް ނޫނެވެ. ދިރިއެޅެމުން ދިޔައީ ކަނާތު ލޮލަށް ލިބިފައިވާ ފެނުމުގެ އަލިކަމާއި އެކު ހިތްހަމަޖެހުމާއި އުފަލުގައެވެ. މަންމަގެ ލޯތްބާއި އަޅާލުން ލިބިގެން، އާދައިގެ އުފާވެރި ދިރުއުޅުމެއްގައެވެ.

ނަމަވެސް، ޢުމުރުން 11 އަހަރުގައި ކަނާތު ލޮލުގެ އެތެރޭގައި ޖެހި އެއްޗެއްގެ ސަބަބުން، އެކަށީގެންވާ ފަރުވާ ނުކުރެވި، މަޑުމަޑުން ލޮލުގެ ފެނުން ފުސްވަމުންގޮސް އެއްކޮށް ފެނުން ގެއްލުނީއެވެ. އޭގެ ފަހުން ޢަބްދުއްރަޝީދަކީ މިއަދާއި ހަމައަށް އައިއިރުވެސް އެއްވެސް ވަރަކަށް ލޮލަށް ފެންނަ މީހެއް ނޫނެވެ.

ފެނުމުގެ ޙިއްޞާނުލައި ގުރުއާން ހިތުދަސްކޮށް އެންމެ އަލިގަދަ ތަރީގެ ޝަރަފު ހޯދި

ފެނުމުގެ ޙިއްސާނުލާ ގުރުއާން ހިތުދަސް ކުރުމަކީ ވާނޭކަމެއް ނޫންކަމަށް މީހުން ބުނަމުން ދިޔަ ވާހަކަތަކަށް ބީރު ކަންފަތެއްދީ، ފުރިހަމަ ޢަޒުމާއި ހިތްވަރާއި އެކު ޢަބްދުއްރަޝީދު އެ މަސައްކަތަށް ކުރިމަތިލީ އެކަން ކާމިޔާބު ކުރުމަށެވެ. އެއީ ވަކި ބަޔަކަށް ނުވަތަ ލޮލަށް ފެންނަ މީހުންނަށް އެކަނި ހޯދޭނެ ކާމިޔާބީއެއްކަމަށް އޭނާ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ރެކޯޑަރެއް ބޭނުންކޮށްގެން ގުރުއާން އަޑުއެހުމާއި ރަށުގެ އެދުރުންގެ ކައިރިއަށްގޮސް ގުރުއާން ކިޔެވުމުގައި ކޮންމެ ދުވަހެއްގެވެސް ގިނަ ވަގުތު ދިޔައީ ހޭދަކުރަމުންނެވެ. އުމުރުން 16 އަހަރުގައި އެ މަސައްކަތް ފަށާ، ޢުމުރުން 20 އަހަރު ވުމުގެ ކުރިން ޢަބްދުއްރަޝީދު އެ މަސައްކަތް ކާމިޔާބު ކުރިއެވެ.

"ގުރުއާން ހިތުދަސް ކުރަނީ އަޑުއަހައިގެން. އަދި ވަރަށް ގިނަ ފަހަރު މަންމަވެސް ކިޔައި ދޭނެ. މި މަސައްކަތުގެ އެންމެ މޮޑު ހިއްސާދާރަކީ އަހަރެންގެ މަންމަ. މަންމަ އަހަންނަށް ދިން އުންމީދު. އަހަރެންގެ ލޮލަށް ނުފެނުނަސް މަންމަ އަބަދުވެސް ބުނޭ އެހެންމީހުންގެ ލޮލުގެ އަލިކަމަށްވުރެ އަހަރެންގެ ހިތުގެ އަލިކަން މާ ގަދަ ވާނޭ." ޢަބްދުއްރަޝީދު ބުންޏެވެ.

ކުޑަކުދިންނަށް ގުރުއާން އުނގަންނައިދެވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން

ގުރުއާން ހިތުދަސް ކުރުމުގެ އިތުރުން އަބަދުވެސް އޭނާ ކުރާ އެހެން އުންމީދެއްވެސް އޮވެއެވެ. އެއީ އެހެންކުދިންނަށް ގުރުއާން އުނގަންނައިދިނުމެވެ. ށ.ފޭދޫގެ އެތައް ކުދިންނެއް މިހާރުވެސް އަންނަނީ އޭނާ ކައިރިން ގުރުއާން ހިތުދަސްކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމާދުގަޑިތައް ފިޔަވާއި އެހެން ހުރިހާ ގަޑިތަކެއްވެސް ހޭދަ ކުރަނީ ކުދިންނަށް ގުރުއާން އުންގަންނައިދީ، ބުނެދިނުމުގައެވެ.

"ވަރަށް ގިނަ ކުދިން އަންނާނެ އަހަރެން ކައިރިއަށް ގުރުއާން ކިޔަވަން. އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގައި މިއުޒިކު ކުޅެ ލަވަކިޔަން އުޅުނު މޭނާ ހައްސާނު ވެސް އަހަރެން ކައިރިއަށް ގުރުއާން ހިތުދަސްކުރަން އައި. އެއީ ވަރަށް ވަރުގަދަ އަޑެއްގެ ވެރިއެއް. ނަމަވެސް ދުވަސްތަކެއް ވަންދެއް އައުމަށްފަހު މިހާރު ނާދެ" ޢަބްދުއްރަޝީދު މަޢުލޫމާތު ޙިއްޞާކުރިއެވެ.

އުންމީދަކީ މާސްޓާސް ފުރިހަމަ ކުރުން، އޭނާ އަކީ ފޭދޫ މިސްކިތުގެ އިމާމު

އަބްދުއްރަޝީދުގެ ވަޒީފާއަކީ ފޭދޫ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާއެވެ. ކުޅުދުއްފުށީ އެމް.އެން.ޔޫ ކެމްޕަސް އިން މިހާރު ދަނީ ޑިޕްލޮމާއަށް ކިޔަވަމުންނެވެ. ކޮންމެ މަހަކުވެސް އެއްފަހަރު ނުވަތަ ދެ ފަހަރުވެސް ކިޔަވަން ކުޅުދުއްފުއްޓަށް ދާންޖެހެއެވެ. އިމާމުވެ ނަމާދުކުރުމަށް މިސްކިތަށް ދިއުމާއި، ދަތުރުކޮށްފައި ކިޔަވަންދާ އިރުވެސް އެއްވެސް އެހީތެރިއެއް ނުގެންދާކަމަށް އޭނާ ބުންޏެވެ.

މިސްކިތަށް ދާއިރު އެއްވެސް މީހަކު ނުގެންދަން. އެކަމަކު ކިޔަވަން ކުޅުދުއްފުއްޓަށް ފޭބުމަށްފަހު، އަހަރެންގެ ރަޙަމަތްތެރިން އަންނާނެ ކެމްޕަސްއަށް އަހަރެން ގެންދަން. ދެން ފިލާވަޅު ހެދުމުގަ އެމީހުން އަހަންނަށް އެހީތެރިވާނެ" ޢަބްދުއްރަޝީދު ބުންޏެވެ.

އެންމެ އަޖައިބު ކުރުވާ ކަމަކީ ހުކުރު ޚުތުބާ ހިތުދަސްކުރާގޮތް

އަބްދުއްރަޝީދަކީ އާއްމުކޮށް އެރަށުގައި އިމާމުވެ ހުކުރު ކުރާ ފަރާތެވެ. ކޮންމެ ބުރާސްފަތި ދުވަހަކުވެސް ޚުތުބާ ލިބުމާއި އެކު އޭނާ ގެންގުޅޭ ރެކޯޑަރަކަށް ޚުތުބާ ރެކޯޑުކޮށްލައެވެ. ރެކޯޑު ކުރުމުގައި ފޭދޫގެ ބައެއް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި ބައެއްފަހަރަށް އެހެން ރަށްރަށުގައި ތިބޭ ރައްޓެހިންނަށް ގުޅައިގެންވެސް ރެކޯޑު ކުރެވެއެވެ.

"ހުކުރު ދުވަހުގެ ހެނދުނު އަހަރެން ޚުތުބާ ދަސްކުރަނީ. ހަތަކުން ފެށިގެން އެގާރަ ޖަހަންދެން ތަކުރާރުކޮށް އަޑު އަހަނީ. ޚުތުބާކިޔުމުގައި އަދި އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ." ޢަބްދުއްރަޝީދު ބުންޏެވެ.

ކޮންމެއަކަސް ޢަބްދުއްރަޝީދަކީ ކޮންމެ މީހަކަށްވެސް ހުރި ފުރިހަމަ ނަމޫނާއެކެވެ. އޭނާގެ ހިތްވަރާއި ނުގުޑާފަދަ ޢަޒުމުން އެންމެންވެސް ފިލާވަޅު ލިބިގަންނަން ޖެހެއެވެ. ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް، އަބަދުވެސް ހެޔޮ ޢަމަލުތައް ކުރުން މަތީ ސާބިތުވާންޖެހެއެވެ. ހަޤީޤީ ކާމިޔާބު ލިބޭނެ މީހުންނަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާލެ

    މާޝާﷲ

  2. ޢަބްދުﷲ ޝަރީފް

    މަތިވެރި މާތްﷲ ތަބާރަކަ ވަތަޢާލާއަށް ޙަމްދުކުރަން. ޢަބްދުއްރަޝީދަށް އެދަފަ ބޮޑު ނިޢުމަތެއް ދެއްވިކަމީ އަޅަމެންނަށްވެސް އެކަމުގެ މަންފާ ކުރަމުންދާ އަދި ޢަޤީދާ ވަރުުގަދަވުމަށް ލިބޭ ބާރެއްވެސްމެއެވެ. އިބަ އިލާހުގެ އޯގަންވަންތަކަމުން ދިވެހިންނަށް ދެއްވި ނިޢުމަތްތަތަކަށް ޝުކުރުކުރަމެވެ. އަދިވެސް އެދަފަ ޤުރްއާން ހިތުދަސް ދަރިންތަކެއް މިދިވެހި ބިމުގައި ލައްވަވާށިއެވެ.

  3. Anonymous

    ރޭގަނޑާއި ދުވާލުގެ ގިނަވަގުތު އަބްސީ ތިޔަ ހޭދަކުރައްވަނީ މާތްﷲގެ ދީން ކުރިއެރުވުމުގައި. އުގެނުމާއި އުގައްނައި ދެއްވުމުގައި. އަހަރެމެންނަށް ކޮންކަމެއްގާތޯ ދުވާލާއި ރޭގަނޑު ހޭދަކޮށްލަނީ ވިސްނާލައްވާ.

  4. ނަންރީތި

    މަންމަ. މަންމަ އަހަންނަށް ދިން އުންމީދު. އަހަރެންގެ ލޮލަށް ނުފެނުނަސް މަންމަ އަބަދުވެސް ބުނޭ އެހެންމީހުންގެ ލޮލުގެ އަލިކަމަށްވުރެ އަހަރެންގެ ހިތުގެ އަލިކަން މާ ގަދަ ވާނޭ." މަންމަގެ ދުޢާއަކީ ބާރުގަދަ އެއްޗެއް. މަންމަގެ ފައިތިލައިގެ ދަށުން ސުވަރުގެއަށްދެވޭނީ. މަންމައަށް އުއްފުވެސް ނުބުނާށެ. ގިޔާމަތް ދުވަހުން މައިންބަފައިނާއި ދަރިންގެ ހައްގުތަކާއިމެދު ސުވާލުކުރެވޭނެކަން ގިނަ މީހުން ނުދަނޭ. އަބަދުވެސް މައިންބަފައިންގެ މާތްކަން ހަނދާނުގައި ހުންނަނީ.

  5. ކިއުންތެރިޔާ

    މާތްﷲ، ޢަބްދުއްރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! އާމީން
    މިއީ، މުޖުތަމަޢުތެރޭ ފަތުރަންވީ ވާހަކަތަކަކީ، ހަމަރަނގަޅަށްވެސް ރޮވިއްޖެ.

  6. އާއި

    ވ.އުފާވެއްޖެ މިލިޔުން ކިޔާލީމަ.ވ.ހިތްވަރުގަދަ އަދި އެހާމެ އަޒުމް ވަރުގަދަ ފަރާތެއް.ޢަބްދުއްރަޝީދާއި ޢަބްދުއްރަޝީދުގެ
    މަންމައާއި
    އެކިގޮތްގޮތަށް ޢަބްދުއްރަޝީދަށް އެހީތެރިވެދޭ އެންމެހާ ފަރާތްތަކަށް ދެދުނިޔޭގެ ކާމިޔާބަށް އެދެން.

  7. އިމް

    އަލްހަމްދު ލިﷲ. މާޝާﷲ

  8. ސެހެންޝާހް

    މާޝާﷲ

  9. ހުސޭނުބޭ

    ތިއީ ނަމޫނާއެއް! ﷲ ރަޙްމަރްލައްވާށި!

  10. މަސްއޫދު

    މާޝާﷲ

  11. ށަވިޔަނި

    މާޝާ ﷲ..☺???❤

  12. ރައްޔިތުން

    الله ކޮންމެ ކަމަކަށް ކުޅަދުންވަންތަ

  13. ޢަބްދުއްލާ

    ޥަރައްއުފާވެރި