ވަކިން އެހެން ސިޓީއެއްގައި އުޅެމުންދިޔަ ޒުވާން ފިރިހެނެއްގެ ކައިރިއަށް އޭނާގެ މައިންބަފައިން ކުއްލިއަކަށް ދާން ނިންމުމުން، އެމީހުން އެވަގުތު ގެއަށް ނުގެންނަން ކުރި ކަމެއްގެ ސަބަބުން އެމީހާ ހޫނުފެނަށް ވެއްޓިއްޖެއެވެ.

އުމުރުން 23 އަހަރުގެ މި މީހާ ހޫނުފެނަށް ވެއްޓިފައިވަނީ އޭނާގެ މައިންބަފައިން ދަތުރު ކުރަން ހަމަޖެހިފައި އޮތް މަތިންދާބޯޓުގައި ބޮމެއް އޮތްކަމަށް ބުނެ، ފޭކް ބޮމުގެ އިންޒާރެއް އެއަރލައިން ކުންފުންޏަށާއި އެއަރޕޯޓަށް ދިނުމުންނެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަޔުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އެމީހާ ބުނެފައިވަނީ އީޒީޖެޓުގެ ފްލައިޓެއްގައި ބޮމެއް އޮތްކަމަށެވެ.

އީޒީޖެޓުގެ ފަރާތުން އިނގިރޭސިވިލާތުގެ "އިންޑިޕެންޑެންޓް" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި މަތިންދާބޯޓަކީ ފަރަންސޭސިވިލާތުގެ ލިޔޯން އިން ފުރައިގެން ރެނެސް އަށް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއްކަމަށެވެ. އަދި އިންޒާރު ދީފައިވަނީ ބޯޓު ނައްޓާލި ފަހުންކަމަށާއި އެކަމުގެ ސަބަބުން އިމަޖެންސީގައި ބޯޓު ޖެއްސިކަމަށެވެ.

މިއީ 23 އަހަރުގެ ޒުވާނާ ކުރި ކަމެއްކަން އެނގުމުން އޭނާވަނީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފަސް އަހަރު ދުވަހު ޖަލުގައި ބަންދުކުރުމަށް ނިންމާ 85،000 ޑޮލަރުން ޖޫރިމަނާ ކޮށްފައިވެއެވެ.