ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަންނާނެ ވަރަށް މުޙިއްމު ކަމެކެވެ. ކައިވެނީގެ ކަންކަމުގައި އެއްވެސް މައްސަލައެއް ނުޖެހި، އުފާވެރިކަމާއެކު ކުރިއަށް ގެންދިއުމަކީ ކޮންމެ މީހެއްގެވެސް އުންމީދަކާއެކު އެދުމަކަށް ވާނެއެވެ. އެއްގޮތަކަށްވެސް، މި އަންހެން މީހާއަށް ދިމާވި ފަދަ ކަމެއް ވުމަށް ނޭދޭނެއެވެ.

އަވަށްޓެރި އިންޑިޔާގެ ޕަންޖާބު ސްޓޭޓުގައި، ކައިވެނި ކުރުމަށް ތައްޔާރުވަމުން ދިޔަ އަންހެނަކުވަނީ، ކައިވެންޏަށް ކުޑަތަންވެފައިވަނިކޮށް ރަހީނުކޮށްފައެވެ. ނަން ހާމަކޮށްފައި ނުވާ މި އަންހެން މީހާ ރަހީނުކޮށްގެން ގެންދިޔައީ ގުރޫޕަކުންކަމަށް ބެލެވެއެވެ.

ކައިވެނީގެ ކުރިން ބިއުޓީ ޕާލަރ އަކަށް ގޮސް ހުއްޓާ މި އަންހެން މީހާ ރަހީނު ކޮށްގެން ގެންދިޔަ މަންޒަރު އެތަނުގެ ކުރިމަތީގައި ހުރި ފިހާރައެއްގެ ސީސީޓީވީ ކެމެރާ އަށް އަރާފައިވެއެވެ.

ފަތިހު 05:30 ހާއިރު މިކަން ހިނގިއިރު، ރަހީނުކޮށްގެން އެމީހާ ގެންދަން މަސައްކަތް ކުރަމުން ދިޔައީ ކާރެއްގައެވެ. ސީސީޓީވީ ކެމެރާ އިން ނެގިފައިވާ މަންޒަރު ތަކުން ފެންނަ ގޮތުގައި ކާރަށް ނާރަންވެގެން އެ އަންހެން މީހާ ގިނަ މަސައްކަތްތަކެއް ކުރެއެވެ. އޭނާގެ ފެންވަރުން އެކަމާ ދެކޮޅު ހަދާ މަންޒަރުވެސް ފެންނަކަމަށް އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

ރަހީނުކޮށްގެން ގެންދިއުމަށްފަހު އަންހެން މީހާއަށް އެއްވެސް ގެއްލުމެއް ދީފައި ނުވެއެވެ. އަދި ވަގުތުކޮޅެއްފަހުން އެސަރަޙައްދުގައި ހުންނަ ބަސް ސްޓޭޝަނަކަށް ބޭލުމަށްފަހު އަންހެން މީހާ ވަނީ ދޫކޮށްލާފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި މިއީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއްކަމަށް ބެލެވެއެވެ. އަދި ކާރުގައި ދިޔަ މީހުން އެތަނަށް ދިޔައީވެސް ހަމަ މި އަންހެން މީހާ ހޯދަންކަމަށް ބެލެވޭކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އެކަން ހާމަވަނީ އެފަރާތްތަކުގެ އަމަލުތައް އެތަނުގައި ހުރި ގޮތުންކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

އަންހެން މީހާ ސަލާމަތުން ގެއަށް ގޮސްފައިވާއިރު، ފުލުހުން ދަނީ އެމީހާއަށް ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ.