ޝޮނާލީ ބޯސް ޑައިރެކްޓް ކުރާ "ދަ ސްކައި އިސް ޕިންކް" ފިލްމުގެ ޝޫޓިން ލީޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކައިވެންޏަށް މެދު ކަނޑައިލުމަށްފަހު އަންނަ ފެބްރުއަރީގައި ފަށަން ތައްޔާރުވެެއްޖެއެވެ.

ފަރްހާން އަޚްތަރުއާއި ޒިއާރާ ވާސިމް ވެސް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިންތައް ވަނީ ލަންޑަން، ދިއްލީ އަދި މުމްބާއީގައި ކުރިއަށް ގެންގޮސްފައެވެ. މިދިޔަ ޑިސެމްބަރުމަހު ފިލްމުގެ ކާސްޓުންނާއި ކްރޫއިން ވަނީ ޕްރިޔަންކާގެ ކައިވެންޏަށް ފިލްމުން ބްރޭކެއް ނަގައިފައެވެ.

އިންޑިޔާގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ދެ މަސްދުވަހަށްފަހު ފިލްމުގެ ޝޫޓިން އަލުން ފަށަން ހަމަޖައްސައިފައިވަނީ ފެބްރުއަރީ މަސް ތެރޭގައެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެންޑަމެން ނިކޮބާ އައިލެންޑްސްގަ އާއި މުމްބާއީގައެވެ.

ފިލްމުގައި ޒައިރާ ފެނިގެންދާނީ މޯޓިވޭޝަނަލް ސްޕީކަރެއްގެ ގޮތުގައެވެ. ޕްރިޔަންކާ އާއި ފަރްހާން އަދާ ކުރާނީ ޒައިރާގެ މައިންބަފައިންގެ ރޯލެވެ. ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވާ ތާރީހު އަދި ނިންމާފައެއް ނުވެއެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި އުމުރުން 26 އަހަރުގެ އެމެރިކާ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނީގެ ޕާޓީތައް އަދިވެސް ނުނިމެއެވެ. އިންޑިއާގެ އާދަކާދަ އާއި އެއްގޮތައް މީގެ ދެދުވަސް ކުރިން ވެސް ކައިވެނީގެ ޕާޓީއެއް ދެމަފިރިން ވަނީ ބާއްވާފައެވެ.

ނިކް އާއި ޕްރިޔަންކާ މިހާރު ތިބީ އިންޑިއާގައެވެ. އަދިވެސް ދެމީހުންގެ ކައިވެނި ޕާޓީތައް އެތައް ދުވަހަކަށް ދެމިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.