ސާރާ އަލީ ޚާންގެ ފުރަތަމަ ދެފިލްމުގެ ކާމިޔާބީއާ އެކު އޭނާ ދެން ފެންނާނީ ކޮން ފިލްމަކުންތޯ ގިނަ ބެލުންތެރިންދަނީ ސުވާލު އުފައްދަމުންއެވެ. ހަމައެއާ އެކު، ގިނަ ބެލުންތެރިން ތިބީ ސާރާގެ ފިލްމަކަށް ކެތްމަދު ވެފައެވެ.

ސާރާގެ ފުރަތަމަ ފިލްމު ކެދާރްނާތުގައި އޭނާގެ ރޯލަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި ހަމައެއާ އެކު، ރަންވީރު ސިންގްއާއެކު ކުޅުނު ފިލްމު ސިމްބާ ވަނީ 2018ގެ އެންމެ ބޮޑު އެއް ހިޓް ފިލްމަކަށް ވެސް ވެފައެވެ.

އިންޑިޔާގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ސާރާ ދެން ފެނިގެންދާނީ ކާރްތިކް އާރްޔަން އާއި އެކު އޭނާގެ ބައްޕަގެ ލަވް އާޖްކަލްގެ ރީމޭކުގައެވެ. އެ ފިލްމަކީ ސައިފް އަދި ދީޕިކާ ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ. ނަމަވެސް ފިލްމުގެ ގިނަ ތަރިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މި ފިލްމުން ސައިފްވެސް ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް ސައިފް އާއި ސާރާ ވެސް ވަނީ އެވާހަކަތައް ދޮގުކޮށް، ލަވް އާޖްކަލްގެ ރީމޭކުގައި ސާރާއާ އެކު އޭނާ ފެނިގެން ނުދާނެކަމަށް ބުނެފައެވެ. ސާރާ ބުނިގޮތުގައި ބައްޕައާއެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި ނަމަވެސް ކުޅޭ ފިލްމެއްގައި ދެމީހުންގެ ރޯލަކީވެސް މުހިއްމު ރޯލަކަށް ވާކަހަލަ ފިލްމަކަށް ވާންޖެހޭ ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒް ފިލްމުގެ ކާސްޓުންގެ ނަން ހާމަކޮށްފައި ނުވިއަސް މިއަހަރު ތެރޭ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.