2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު، ކައިވެނި ކުރި ބޮލީވުޑުގެ އެފަދަ ދެވަނައެއް ނުވާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޮނާސްގެ ކައިވެނީގެ އުފަލުގައި އަނެއްކާވެސް ޕާޓީއެއް ބާއްވައިފިއެވެ. މި ހަފްތާގެ އާދީއްތަ ދުވަހު މި ހަފްލާ ބާއްވާފައިވަނީ އެމެރިކާގެ ނޯތު ކެރޮލައިނާގައެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މި ކައިވެނީގެ ޙަފްލާ ބާއްވާފައިވަނީ ނިކް ޖޮނާސްގެ އާއިލާއިން ހިންގާ އަގު ބޮޑު ރެސްޓޯރެންޓެއްގައެވެ. ހަފްލާގައި ބައިވެރިވެފައިވަނީވެސް ނިކްގެ އާއިލާގެ މެމްބަރުންނާއި އެނޫންވެސް ގާތް މީހުންނެވެ.

މި ޙަފްލާގައި ޕްރިޔަންކާ ލައިގެން ހުރި ހެދުމަށްވެސް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. ހުދު ކުލައިގެ ސްޓްރެޕްލެސް ގައުން ހެދުމެއް ލައިގެން އޭނާ ހުރިއިރު، ނިކް ހެދުން އަޅައިގެން ހުރީ ވަރަށް އާދައިގެކޮށްކަން ފާހަގަކޮށްލެވެއެވެ.

ޕްރިޔަންކާ ވަނީ މި ޕާޓީގެ ބައެއް ފޮޓޯތައް ޓްވިޓަރ މެދުވެރިކޮށް ޙިއްސާ ކޮށްފައެވެ. އަދި އޭނާގެ ޓްވީޓުގައި މި ހަފްލާ އިންތިޒާމު ކުރިކަމަށްޓަކައި ނިކްގެ އާއިލާގެ މެމްބަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި ދެ ތަރިންގެ ކައިވެނީގެ އުފަލުގައި މިހާރުވެސް ވަނީ ގިނަ އަދަދެއްގެ ޙަފްލާތަކެއް ބާއްވާފައެވެ. އިންޑިޔާގެ ޖައިޕޫރުގައި ހުންނަ އުމައިދު ބަވަންގައި ދެ ތަރިންގެ ކައިވެނީގެ ގޮށް ޖެހީ ޑިސެމްބަރު އެއްވަނަ ދުވަހުއެވެ. އެދުވަހުގެ ކައިވެނި ކޮށްފައިވަނީ ނަޞާރާ ހަމަތަކުގެ މަތީންނެވެ.

އެއަށްފަހު، ހަމަ އުމައިދު ބަވަންގައި ހިންދޫ ސަގާފަތާ އެއްގޮތަށްވެސް ކައިވެނި ކޮށްފައިވެއެވެ. އޭގެފަހުން އިންޑިޔާގެ ނިއު ދިއްލީގައިވެސް ވަރުގަދަ ހަފްލާއެއް ބޭއްވިއެވެ. ދިއްލީ އަށްފަހު މުމްބާއީގައި ވަކި ވަކިން ދެ ހަފްލާ ބާއްވާފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އަދިވެސް މި ދެތަރިންގެ ކައިވެނީގެ ޙަފްލާތައް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ވަރިވަންދެން ޕާރޓީ ބާއްވާނެ... މިވެރިން އުޅޭ މޮޔަގޮތްތަކައް ސަމާލުކަމެއް ނުދިނިއްޔާ ރަގަޅު ވާނީ

  2. އަލްޖިބްރާ

    އެމީހުނަށް އޮތީ ހަމައެކަނި މިދުނިޔެ! ހުރިހާ ޕާރޓީއެއްވެސް ބާއްވާ !

  3. ޙުއްތު

    އަހަރެމެންނަށް ކީއް މިވެރިން ކޮންމެ ގޮތަކަށް އުޅުނަސް .