އިންޑިއާގެ ކެރެލާގެ ފުޓްބޯޅަ ޓީމެއްގައި މަސައްކަތް ކުރަމުން އަންނަ ޒުވާން ކުޅުންތެރިއެއް ކައިވެނީގެ ހަފްލާގެ ތެރެއިން ވަގުތުކޮޅެއް ނަގައިގެން ފުޓުބޯޅަ ކުޅެން ގޮސްފިއެވެ.

ރިދްވާން ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ ކެރެލާގައި މިހާރު ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތެއްގައި ފީފާ މަންޖަރީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާއަކީ އެ ޓީމްގެ ޑިފެންޑަރެކެވެ. އޭނާ މެޗް ކުޅުމުގެ ބޭނުމުގައި ކައިވެނީގެ ހަފްލާ ކުރިއަށްދަނިކޮށް އަނބިމީހާ ކައިރިން އަހާފައި، އަނބިމީހާ ހުއްދަދިނުމުން ދިޔައީ މެޗު ކުޅެން ދަނޑަށެވެ.

ރިދްވާންއަކީ އޭނާގެ ޓީމު މޮޅުވުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ އެކަކެވެ. އޭނާ ކައިވެނީގެ ހަފްލާ ދޫކޮށްފައި ދިއުމުން އެކަމާއި، އޭނާ ކައިވެނި ކުރި އަންހެން މީހާގެ އާއިލާއިން އެއްވެސް މައްސަލައެއް ނުޖައްސައެވެ.

އޭނާ، އޭނާގެ އަނބިމީހާ ކައިރީގައި އެދުނީ ފަސް މިނިޓަށް ކުޅެން ދިއުމަށެވެ. ނަމަވެސް އެމެޗަށް އެއަށްވުރެ ގިނަ ވަގުތު ދިޔައެވެ.

ރިދްވާންގެ އެ ނިންމުމުގެ ސަބަބުން އިންޑިއާގެ ސްޕޯޓްސް މިނިސްޓަރ ވަނީ ރިދްވާނާއި ބައްދަލުކުރަން ބޭނުންވާކަމަށް ބުނެފައެވެ. އަދި ގިނަ ބަޔަކު އޭނާއަށް ތައުރީފް ކުރަމުން އަންނައިރު، ގިނަބަޔަކު ދަނީ އޭނާއަށް މަރުހަބާވެސް ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު