މަސައްކަތް ކުރަމުންދާ ބިލިއަނަރުގެ ގޭގެ ލިފްޓްގައި ތާށިވި މީހަކު ދެ ދުވަސް ފަހުން ސަލާމަތް ކޮށްފިއެވެ.

އުމުރުން 53 އަހަރުގެ މަރިޓޭޒް ފޮރުޓަލީޒާ އޭނާ މަސައްކަތް ކުރަމުންދިޔަ ވަރެން ސްޓިފަންސްގެ ގޭގެ ލިފްޓްގައި ތާށިވީ މިދިޔަ ހޯމަ ދުވަހުއެވެ. ވަރެންއަކީ އިންވެސްޓްމަންޓް ބޭންކިންގައި މަސައްކަތް ކުރާ ބިލިއަނަރެކެވެ.

ފޮރުޓަލީޒާ ލިފްޓްގައި ތާށިވުމުގެ ހަބަރާއެކު މަންހެޓަން ޓައުން ހައުސްގެ ފަޔާ ފައިޓަރުން ވަނީ އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައެވެ. ވަރެންގެ ގެއަކީ ފުދޭވަރަކަށް ބޮޑުކޮށް އިމާރާތް ކޮށްފައިވާ ގެއަކަށްވާތީ އެ މަސައްކަތް ފަސޭހައެއް ނުވިއެވެ.

އާއިލާގެ ފަރާތުން ބުނެފައި ވަނީ ފޮރުޓަލީޒާގެ ހާލު ރަނގަޅުވަމުންދާ ނަމަވެސް، ލިފްޓްޓުން ނުކުމެވުނު އިރު، އޭނާ ހުރީ ވަރަށް ބޮޑަށް ފެންބޮވާ، މީހާ ގައިގެ ހަކަތަ ހުސްވެފައި ކަމަށެވެ.

ފޮރުޓާލީޒާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނެފައި ވަނީ އޭނާ ތާށިވެފައި ހުރީ ދެވަނަ ބުރިއާއި ތިންވަނަ ބުރިއާ ދެމެދު ކަމަށެވެ. އަދި އެ ގޭގައި ހަފްތާ ތެރޭ އެއްވެސް މީހެއް ނޫޅޭތީ އޭނާ ތާށިވިކަން އެނގުނީވެސް ވަރަށް ފަހުން ކަމަށެވެ.

ފޮރޮޓަލީޒާ އިމާރާތުގެ ލިފްޓްގައި ތާށިވުމުން ކަމާބެހޭ ފަރާތްތަކުން ވަނީ އިމާރާތް ބޭނުން ކުރުން މަނާކޮށްފައެވެ. އަދި އެކަމާ ބެހޭ ތަހުގީގުވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު