ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ކެންސަރަށް ފަރުވާއެއް ހޯދިދާނެ ކަމަށް އިސްރާއީލްގެ ސައިންސްވެރިންގެ ޓީމަކުން ބުނެފިއެވެ.

އަހަރެއްހާ ދުވަސް ތެރޭގައި ކެންސަރަށް ފަރުވާއެއް ހޯދިދާނެ ކަމަށް ބުނީ "އެކްސެލެރޭޓެޑް އިވޮލިއުޝަން ބަޔޯޓެކްނޮޖީސް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އެކުންފުނީގެ ސީއީއޯ އިލާން މޮރާދް ވިދާޅުވީ އެމީހުން ކެންސަރަށް އުފައްދާ ފަރުވާގެ އަސަރު ފުރަތަމަ ދުވަހުން ފެށިގެން ވެސް ބަލި މީހާ ކުރަން ފަށާނެ ކަމަށެވެ.

އެކްސެލެރޭޓެޑް އިވޮލިއުޝަން ބަޔޯޓެކްނޮޖީސް ކުންފުނީގެ ޗެއާމަން ޑެން އެރިދޯރު ވިދާޅުވީ އެކުންފުނިން އުފައްދާ ކެންސަރުގެ ފަރުވާގެ ސައިޑް އިފެކްޓެއް ނުހުންނާނެ ކަމަށާއި ނުވަތަ ސައިޑް އިފެކްޓްގެ އަސަރު ވަރަށް ކުޑަ ވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ކެންސަރަށް ފަރުވާއެއް ހޯދަން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވާން ދެން އޮތީ އަހަރެއްހާ ދުވަސް ކަމަށް. މިފަރުވާގައި ސައިޑް އިފެކްޓެއް ނުހުންނާނެ. ނުވަތަ ސައިޑް އިފެކްޓްގެ އަސަރު ވަރަށް ކުޑަ ވާނެ. މިހާރު ކެންސަރަށް ކުރަމުންދާ ގިނަ ފަރުވާތަކަށް ވުރެ މިފަރުވާގެ އަގު ވެސް ހެޔޮވާނެ." ޑެން އެރިދޯރު ވިދާޅުވިއެވެ.

"މުޓަޓޯ" ކޮންސެޕްޓްގެ މިފަރުވާގައި ކެންސަރު ސެލް މަރާލާނެ ކަމަށް ފަރުވާ ހޯދި ކުންފުނިން ބުނެއެވެ. ނަމަވެސް އެހެން ސެލްއަކަށް މިކަމުގެ އަސަރު ނުކުރާނެ ކަމަށް ވެސް އެމީހުން ބުނެއެވެ.

މިފަރުވާ މިހާރު ވަނީ މީދަލުގައި ޓެސްޓް ކޮށްފައެވެ. އެޓެސްޓްތަކުގެ ނަތީޖާ ފެނުނީ ވަރަށް ކާމިޔާބު ކޮށެވެ.

ނަމަވެސް ކެންސަރުގެ ބައެއް ތަޖުރިބާކާރުން ގެންދަނީ އެކްސެލެރޭޓެޑް އިވޮލިއުޝަން ބަޔޯޓެކްނޮޖީސް އިން ދައްކާ ވާހަަކަތަކާއި ބެހޭ ގޮތުން ސުވާލު އުފައްދަމުންނެވެ.

އެމެރިކާގެ ޕާލްމުޓާ ކެންސާ ސެންޓަރުގެ ޑިރެކްޓަރ ޑރ.ބެން ނީލް ވިދާޅުވީ އެކި ކަހަލަ ކެންސަރަކީ ތަފާތުތަކެއް އެކުލެވިގެންވާ ބަލިތަކެއް ކަމަށާއި އެހެންކަމުން އެންމެ ބޭހަކުން ނުވަތަ އެންމެ ފަރުވާއަކުން ހުރިހާ ކެންސަރަކަށް ފަރުވާ ހޯދިދާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.

"އަހަރެންނަށް ހީވަނީ މިއީ ދޮގު ދައުވާއެއް ހެން. ޒިންމަދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވެނީ، އެމީހުން ކެންސަރު ބަލި މީހުންނަށް ފަރުވާއެއް ހޯދައި ދިނުން ގާތްވެއްޖެ ކަމަށް ބުނެ ދައްކަނީ ބުރަދަނެއް ހުރި ވާހަކައެއް ކަމަށް ގަބޫލު ކުރަން ދަތި." ޑރ.ބެން ވިދާޅުވިއެވެ.

އެމެރިކާގެ ކެންސާ ސޮސައިޓީގެ ޗީފް ޑރ.ލެން ލިޗްޓެންފެލްޑް އޭނާގެ ބްލޮގްގައި މިއަދު ވިދާޅުވީ ކެންސަރަށް ފަރުވާއެއް ހޯދުން އަހަރެއްހާ ދުވަހަށް ކައިރިވެއްޖެނަމަ އެކަމަށް މަރުޙަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ. ނަމަވެސް އޭނާ ވެސް ވަނީ އިސްރާއީލްގެ ސައިންސްވެރިން ދައްކާ ވާހަކަ އާއި މެދު ސުވާލު އުފައްދާފައެވެ.

"މިއީ އަދި މިހައި ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރަން ވަރަށް ދަތި. މިސައިންސްވެރިން އަދި ފެށީ ކްލިނިކަލް ޓްރިއަލް ކަމަށް ވީނަމަވެސް އަދި ކުރިމަތިލާން ޖެހޭ ވަރަށް ގިނަ ގޮންޖެހުންތައް ހުންނާނެ. އެހީ އަހަރެއްހާ ދުވަހުން ކާމިޔާބަކާއި ހަމައަށް ވާސިލް ވާން ދަތިތައް ކުރިމަތިކުރުވާނެ ގޮންޖެހުންތަކެއް." އޭނާ ވިދާޅުވިއެވެ.

ކެންސަރަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. މިދިޔަ އަހަރު އެކަނި ވެސް 17 މިލިއަން މީހުންނަށް ކެންސަރު ޖެހުނެވެ. މިދިޔަ އަހަރު ކެންސަރު ބަލީގައި 9.6 މިލިއަން މީހުން މަރުވިއެވެ.