ފިލިޕީންސްގެ ވެރިރަށް މެނީލާގެ 700 ފޫޓުގެ ޓަވަރަކަށް އެއްވެސް ޖެހިލުމެއް ރައްކާތެރިކަމެއް ނެތި އެރި ފްރާންސްގެ "ސްޕައިޑަރ މޭން" ހައްޔަރުކޮށްފިއެވެ.

ފްރާންސްގެ ސްޕައިޑަރ މޭންގެ ގޮތުގައި މަޝްހޫރު އުމުރުން 56 އަހަރުގެ އެލެން ރޮބާޓް ވަނީ އޭނާ އަތުގައި ލައްވާހުރި އަންގި ފިޔަވައި އެހެން އެއްވެސް ސޭފްޓީ ގިޔަރަކާއި ނުލާ 700 ފޫޓް އުސް ޓަވަރަކަށް އަރާފައެވެ.

މީސް މީޑިޔާގައި އެތައް ބަޔަކު ވަނީ އޭނާ މި ޓަވަރަށް އަރާ ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފައެވެ. ރޮބާޓްގެ މި އަމަލާއި ގުޅިގެން ޓަވަރު ކައިރިއަށް އެއްވެ ތިބި ގިނަ އާންމުން ވަނީ އޭނާއަށް ހިތްވަރުދީފައެވެ.

ފުލުހުން ވަނީ އުސް ތަންތަނަށް އެރުމުގެ ދުނިޔޭގެ ރެކޯޑު ވެސް ހަދާފައިވާ ރޮބާޓް މިހާރު ހައްޔަރުކޮށްފައެވެ.

ރޮބާޓް ވަނީ މީގެ ކުރިން ވެސް މިފަދަ އުސް އިމާރާތްތަކަށް އެރުމުން ހައްޔަރުކޮށްފައެވެ. ރޮބާޓް އަށް މީގެ ކުރިން ވަނީ 20 ހަފްތާގެ ޖަލު ހުކުމަކާއި ދެ އަހަރުގެ ސަސްޕެންޝަނެއް ވެސް ދީފައެވެ. އަދި 5500 ޕައުންޑުން އޭނާ ވަނީ މީގެ ކުރިން ޖޫރިމަނާވެސް ކޮށްފައެވެ.

ފްރާންސްއަށް ނިސްބަތްވާ ރޮބާޓް ބުނީ އޭނާގެ އަމާޒަކީ ކޮންމެ އުސް އިމާރާތެއްގެ އެންމެ އުހަށް އެރުމަށް ކަމަށާއި އަދި އެއްވެސް ގެއްލުމެއް ނުލިބި ފުރާނައަށް ނުރައްކަލެއް ދިމާނުވެ އިމާރާތްތަކުގެ އެންމެ މައްޗަށް އެރުމަށް ކަމަށެވެ.

ރޮބާޓް ވަނީ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރަތް ބުރުޖު ހަލީފާ އަދި ފްރާންސްގެ އައިފެލް ޓަވަރ، ނިއުޔޯކުގެ އެމްޕަޔަރ ސްޓޭޓް ބިލްޑިން ފަދަ އުސް އިމާރާތްތަކަށް މީގެ ކުރިން އަރާފައެވެ.