ބޮލީވުޑްގެ މަޝްހޫރު ބަތަލް އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރު އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމު "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ދެވަނަ ޓްރެއިލާ ދައްކާލައިފިއެވެ.

އެ ފިލްމުގެ ޓީޒާ ޓްރެއިލާ ވެސް ވަނީ މީގެ ކުރިން ބެލުންތެރިންނަށް ދައްކާލާފައެވެ. އެ ޓީޒާ ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުކަން ހޯދާފައެވެ.

ފިލްމުގެ އައު ޓްރެއިލާ މިހާތަނަށް އައިއިރު ޔޫޓިއުބް މެދުވެރިކޮށް ނުވަ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. "އެކް ލަޅްކީ" ގެ ޓްރެއިލާ އިން ވެސް ޝައުގުވެރި މަންޒަރުތަކެއް ދައްކުވައިދެއެވެ.

ޝެލީ ޗޯޕްރާ 'ދަރް' ޑައިރެކްޓްކޮށްފައިވާ އެ ފިލްމުން ބަޠަލާ ޖޫހީ ޗާވްލާ ސޯނަމްގެ މަންމަގެ ރޯލުން ފެނިގެންދާ އިރު ސޯނަމްގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އޭނާގެ އަސްލު ބައްޕަ އަނިލް އެވެ. ރާޖްކުމާރް ރާއޯ ވެސް ފިލްމުގައި ފެންނާނެއެވެ. އޭނާ ކުޅެފައިވަނީ ސޯނަމްގެ ލޯބިވެރިއެއްގެ ރޯލެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ 'އެކް ލަޅްކީ' ޕްރޮޑިއުސްކޮށްފައިވަނީ ރާޖްކުމާރު ހިރާނީ އަދި ވިދޫ ވިނޯދް ޗޯޕްރާއެވެ.