ކައިވެންޏަކާ ހަމައަށް ދެ މީހަކު ދާނީ ވަރަށްވެސް ގިނަ ފޮނި އުންމީދުތަކަކާއެކުގައިކަން ޔަޤީނެވެ. ދެ މީހުންގެ ދިރިއުޅުން، އެއް ދިރިއުޅުމެއްގެ ގޮތުގައި ވޭތުކުރުމަށެވެ. އެކެއްގެ އުފަލަކީ އަނެކާގެ އުފަލަށްވެސް ހެދުމަށެވެ. އެހެންނަމަވެސް، ދިމާވާ ކަންކަމުގެ ސަބަބުން، ދެމަފިރިން ވަރިކުރާ ހިސާބަށް ކަންކަން ދެއެވެ.

އެހެންނަމަވެސް، މި ދެމަފިރިން ވަރިކުރީ މާ އަވަހަށެވެ. ވަރި ކުރީ ކައިވެނި ކުރި ދުވަހުއެވެ.

އަވަށްޓެރި އިންޑިޔާގެ އަޙުމަދުއާބާދުގައި މިކަން ހިނގާފައިވާއިރު، ދެމަފިރިންގެ ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނުގެ ވަގުތުއެވެ. ހެނދުނު، ދެ ފަރާތުގެ އާއިލާއިއެކު ތިބެގެން ކައިވެނީގެ ކަންކަން ވަރަށް އުފާވެރިކަމާއި، ވަރަށް އޮމާންކަމާއެކު ނިންމާލިއެވެ. އެއްގޮތަކަށްވެސް އެހާ އަވަހަށް ވަރިކުރަން ޖެހިދާނެކަމުގެ ވިސްނުމެއް ނެތެވެ.

އެހެންނަމަވެސް، ކައިވެންޏަށްފަހު، ހަމަ އެތަނުގައި މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދަނިކޮށް މައްސަލަތަކެއް ޖެހުނެވެ. "މުމްބާއީ މިރާ" އިން ބުނެފައިވާ ގޮތުގައި ދެ މީހުންގެ މެދުގައި ޖެހުނު މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއްވެސް ނޫނެވެ. އެހެންނަމަވެސް، ކުޑަ ކުޑަ މައްސަލަ ވަނީ ބޮޑުވެފައެވެ.

މި މައްސަލަ ބޮޑުވެ، ދެ ފަރާތުގެ އާއިލާގެ މެދުގައިވެސް ދެބަސްވުންތަކާއި، ބަހުގެ ހަމަލާތައް ބަދަލު ކުރުން ކުރިއަށް ދިޔައެވެ. ކަންކަން ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ދިއުމުން، ދެ މީހުންވެސް އެމީހުންގެ އާއިލާތަކާ މަޝްވަރާ ކުރުމަށްފަހު ނިންމީ ވަގުތުން ވަގުތަށް ވަރިވުމަށެވެ.

އެހެންނަމަވެސް، ކުރި ކައިވެނި، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ރޫޅާލަން ދިމާވި މައިގަނޑު މައްސަލައަކީ ނުވަތަ ޒުވާބު ކުރަން ފެށީ ކޮން މައްސަލައަކާ ގުޅިގެންކަމެއް ސާފެއް ނުވެއެވެ.