އުމުރުން 73 އަހަރުގެ އަންހެނަކު، އޭނާގެ އަސްލު މަންމަ ހޯދައިފިއެވެ. އުފަންވީތަނުން ބަޔަކު އެޑޮޕްޓް ކޮށްފައިވާ މި އަންހެން މީހާ، އޭނާގެ މަންމަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އަޔަލެންޑުގެ ޑަބްލިން އަށް ނިސްބަތްވާ ޕައުލައިން ޖޯންސް، އޭނާގެ އަސްލު މަންމައާ މިހާރު ބައްދަލުވެފައިވާއިރު، މަންމަގެ އުމުރުން މިހާރު 94 އަހަރުވަނީ ވެފައެވެ. މަންމަގެ ނަމަތީ ކެތުލީން އެވެ.

ޕައުލައިން ކިޔައިދީފައިވާ ގޮތުން، އޭނާ އެޑޮޕްޓް ކޮށްފައިވަނީ އުފަންވިތާނެހެންނެވެ. ބޫޓު ފޮއްޓަކަށް ލައިގެން ބަޔަކު އޭނާ ގެންގޮސް، އެޑޮޕްޓް ކޮށްގެން ބަލާ ބޮޑު ކުރީއެވެ.

އޭނާ އިތުރަށް ކިޔައިދީފައިވާ ގޮތުން އަބަދުވެސް އޭނާގެ އަސްލު ނުވަތަ އުފަން މަންމައާމެދުގައި ވިސްނެއެވެ. އެހެންނަމަވެސް، އަސްލު މަންމަ ހޯދުމުގެ ވިސްނުމެއް އޭރަކު ނެތެވެ. މިކަމަށް ބޭނުންވެގެން، މިކަމަށް މަސައްކަތް ފެށީ މީގެ އެންމެ ދެ އަހަރު ކުރިންނެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޭނާ ކުރި ކަމަކީ ޑީއެންއޭ ޓެސްޓެއް ހެދުމެވެ.

ޑީއެންއޭ ޓެސްޓެއް ހެދުމަށްފަހު އާއިލާގެ ތާރީޚު ދެނެގަތުމުގެ މަސައްކަތް އޭނާ ވަނީ ފަށާފައެވެ.

މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް އެންމެ ފުރަތަމަ ފެނުނީ ތިމާގެ ބައެކެވެ. ތިމާގެ މި މީހުންވީ، އޭނާގެ މަންމަ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އެއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕައުލައިން ބުނި ގޮތުގައި މަންމަގެ ގާތަށް ދިޔަ ދުވަހު ބިރުގަތްކަމަށެވެ. މަންމައާ އޭނާ ވައްތަރުކަން އަމިއްލައަށް އިހުސާސް ކުރެވުނުކަމަށްވެސް ބުންޏެވެ. އެހެންނަމަވެސް، އޭނާގެ މަންމައަށް އޭނާ އެނގޭވަރުވީ ބައްދަލުވި ތިންވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ތިންވަނަ ބައްދަލުވުމުގައި ކާކުކަން އެނގުމުން މަންމަ ހުރީ ވަރަށް އުފާވެފައިކަމަށްވެސް އޭނާ ބުންޏެވެ.

އެހެންނަމަވެސް، އަދިވެސް ޕައުލައިން އަށް ޖަވާބު ނުލިބޭ ސުވާލުތަކެއް އެބަ ހުއްޓެވެ. އެގޮތުން އޭނާ އެޑޮޕްޓް ކުރީ ކީއްވެގެންކަން އަދިވެސް ނޭނގެއެވެ.