ދަރިން ސަލާމަތް ކުރުމަށް މައިންބަފައިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ދަރިންގެ ހައްގުގައި ޖާނާއި މާލުންވެސް ގުރުބާންވުމަށް ގިނަ މައިންބަފައިން ތިބޭނީ ތައްޔާރަށެވެ. މިއީ އެފަދަ ދިރިހުރި މިސާލެކެވެ.

އެގޮތުން، ނުރައްކާތެރި ޖަނަވާރެއްގެ ގޮތުގައި ފާހަގަކުރެވޭ ކިނބުލެއްގެ ޝިކާރައަކަށްވީ ދަރިއަކު ސަލާމަތް ކުރުމަށް ބައްޕައަކު ވަނީ ނުރައްކާތެރި ފިޔަވަޅެއް އަޅާފައެވެ. އިތުރު އެހެން އެއްވެސް ކަމަކަށް ވިސްނުމެއް ނެތި މި ބައްޕަ ވަނީ ކިނބުލުގެ ފައިގައި ދަތް އަޅާފައެވެ.

ކަށިން ހިތްވަރު ނެރެގެން، އަމިއްލަ ދަރިފުޅު ސަލާމަތް ކުރަން މިކަން ކޮށްފައިވާ ބައްޕައަކީ ޓެޖާޑާ އަބުލްހަސަން އެވެ. ޓެޖާޑާގެ މަސައްކަތުން އޭނާގެ ދަރިފުޅު ވަނީ ސަލާމަތްވެފައެވެ.

ނޫސްތަކުން ބުނާ ގޮތުގައި ކިނބުލެއްގެ ޝިކާރައަށް ޓެޖާޑާގެ ދަރިފުޅު ޑިއޭގޯ ވީ، އޭނާގެ އެހެން ދަރިއަކާއެކު އެމީހުން ދިރިއުޅޭ ސަރަޙައްދުގެ ކޯރަކަށް އެރި އުޅެނިކޮށެވެ.

ފިލިޕީންސްގެ ޕަލަވަން ސަރަޙައްދުގެ ބަލަބަކް އަވަށުގައި މިކަން ހިނގާފައިވާއިރު ކިނބޫ ވަނީ ޑިއޭގޯ ފެނުގެ އަޑިއަށްވެސް ގަންބާލާފައެވެ. އަދި އެކުއްޖާގެ ގައިގައި ދަތް އަޅާފައިވެއެވެ.

ދަރިން ރޯ އަޑު އިވިގެން ޓެޖާޑާ އެސަރަޙައްދަށް ދިޔައީ އެތައް ތަނެއް ދުރުގައި ހުރެފައި، ވަރަށް ބާރަށް ދުވެފައެވެ.

ޓެޖާޑާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން އޭނާ ހުރީ ތައްޔާރަށެވެ.