ފަންޏެއްގެ ސަބަބުން ޖެހުނު ބައްޔެއްގައި މީހަކު ބޮޑު ވޭނެއް އުފުލަމުން އެބަދެއެވެ. މީގެ ފަސް އަހަރު ކުރިން، ގައިގައި ހެފި ފަންޏެއްގެ ސަބަބުން ޖެހުނު އިންފެކްޝަންގެ ސަބަބުން މި ވޭން އުފުލަމުންދަނީ، ޕާކިސްތާނުގެ ރައްޔިތެކެވެ.

އެޤައުމުގެ ސިންދު ޕްރޮވިންސްގެ ނައުޝަހުރޯ ފީރޯޒް ސަރަޙައްދަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ޝާހިދު ޙުސައިން، މި ވޭން އުފުލަމުންދާއިރު، މިކަމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވެފައިވަނީ މިއިން ދުވަހަކު، އިންސާނެއްގެ ހަށިގަނޑަށް ވެފައިވާ ކަންކަމެއް ނޫނެވެ.

ފަސް ކުދިންގެ ބައްޕައެއްކަމުގައިވާ ޝާހިދުގެ ހަށިގަނޑުގެ ބައެއް ތަންތަން ވަނީ ފުއްޕައިން އަރާފައެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ބައެއް ހިސާބުތަކުން ވާގި ދޫވެފައިވާއިރު އެކަމުގެ ސަބަބުން ހިނގާ ބިނގާވެ، އަދި ހަރަކާތްތެރިވެ އުޅުމަށް އޭނާއަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ނޫސްތަކުން ބުނާގޮތުގައި ފުއްޕައިގެން އަރާފައިވާ ހަށިގަނޑުގެ ތަންތަން ވަރަށް ބަރުވެސްމެއެވެ. އެގޮތުން މި ތަންތަނުގެ ބަރުދަން 49 ކިލޯގްރާމަށް އަރައެވެ. ހަމައެހެންމެ، އެތަންތަނުގެ ވަށަމިނުގައި 35 އިންޗި ހުރެއެވެ.

މި ޙާލަތުގެ ސަބަބުން އޭނާ އެނދުމަތިވެފައިވާއިރު، އާއިލާގެ ޚަރަދު ބަރަދު ހަމަޖެއްސުމަށް މަސައްކަތް ކުރުމަށް އޭނާއަށްވަނީ ނުކުޅެދިފައެވެ. ފަސް ކުދިންނާއި އަންހެނުންގެ ޚަރަދުތައް ކުރަމުން، އޭނާގެ ފަރުވާގެ ޚަރަދުތައް ކުރުމަށްވެސް ވަނީ ދަތިވެފައެވެ.

ގާތްތިމާގެ މީހުންނަށް ބަރޯސާވެގެން އޭނާ އުޅެމުންދާއިރު، އަތުގައި ހުރި ގަހަނާފަދަ ތަކެތިވެސް، އޭނާ ވަނީ ވިއްކާލާފައެވެ.

ޝާހިދު އިތުރަށް ބުނި ގޮތުގައި މިއީ މިހާ ސީރިޔަސް ވެދާނެ ކަމެއްކަމަށް އޭނާ އެއްގޮތަކަށްވެސް ހީނުކުރެއެވެ. އަދި މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވާނެކަމަށް ހީކުރިކަމަށްވެސް ބުންޏެވެ.