ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ، ޖޯޖީނާ ރޮޑްރިގޭޒްގެ ބައްޕަ މަރުވެއްޖެއެވެ. ރިޕޯޓުތައް ބުނާގޮތުން ޖޯޖީނާގެ ބައްޕަ މަރުވެފައިވަނީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހުއެވެ.

ޖޯޖީނާގެ ބައްޕަ، ޖޯޖް އެޑުއާޑޯ ރޮޑްރިގޭޒް ގޯޖަން މަރުވި ދުވަހަކާއި ސީދާ ވަގުތި އަދި ހާމަކޮށްފައި ނުވިކަމުގައިވިޔަސް، އޭނާ މަރުވީ އޭނާގެ އުފަން ޤައުމުކަމުގައިވާ އާޖެންޓީނާގައި އޮންނަ އޭނާގެ އުފަން އަވަށުގައިކަމަށް ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ޖޯޖީނާ ވަނީ މި ހަފްތާގެ ތެރޭގައި އާޖެންޓީނާ އަށް ގޮސްފައެވެ. އާޖެންޓީނާ އަށް ގޮސް ޖޯޖީނާ ނަގާފައިވާ ބައެއް ފޮޓޯތައްވެސް އާއްމުކޮށްފައިވާއިރު، މި ހަފްތާގެ ތެރޭގައި އޭނާގެ އުފަންދުވަސްވެސް އައިސްފައިވެއެވެ.

ރޮނާލްޑޯގެ ޒާތީ ދިރިއުޅުމުގެ ކަންކަމަކީ އާއްމުކޮށް މީޑިޔާ އަށް ހާމަކުރާ ކަންކަމަށް ނުވާއިރު، މިކަމާ ގުޅިގެންވެސް ރޮނާލްޑޯގެ ޕީއާރް ކަންކަން ބަލަހައްޓާ އެޖެންސީން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

އެހެންނަމަވެސް، ގިނަ އަދަދެއްގެ ފޭނުން ދަނީ ތައުޒިޔާގެ މެސެޖުތައް ރައްދު ކުރަމުންނެވެ.

ނޫސްތަކުން ބުނާ ގޮތުގައި އެޑުއާޑޯ އަށް ވަނީ މީގެ ދެ އަހަރާ ބައި ކުރިން ސްޓްރޯކް އެއް ޖެހިފައެވެ. އެކަމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ބަލިވެ އުޅުނުކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އެޑުއާޑޯ އަކީ ކުރިން ފުޓުބޯޅަވެސް ކުޅުން ފަރާތެކެވެ. އެހެންނަމަވެސް، ފަހުން އޭނާގެ މައްޗަށް ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވެއެވެ. އެކަމުގެ ސަބަބުން ދެ އަހަރު ދުވަހަށް އޭނާ ޖަލަށްވެސްލިއިރު، އޭރު އުޅެމުން އައި ސްޕެއިން އިން އޭނާ ޑީޕޯޓް ކޮށްލާފައިވެސްވެއެވެ.