ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓްކޮށްފައިވާ "ލީނާ"ގެ ޓީޒާ ޓްރެއިލާ އަދި ޕޯސްޓަރު ބެލުންތެރިނަ އަށް ދައްކާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ގިނަ ދުވަސްތަކެއް ފަހުން ޑައިރެކްޓަރު މުއާ ފިލްމު އަޅުވާ ތާރީހު ވަނީ އިއުލާންކޮއްފައެވެ. އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ޓީޒާ ޓްރެއިލާ އަދި ޕޯސްޓަރު އިއްޔެ ނެރުނު އިރު ޓްރެއިލާ އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ.

ޕޯސްޓަރުގައި މަރައިލާފައި އޮންނަ އައްޒަ(ލީނާ) ފެންނައިރު އޭނާއާ ތަންކޮޅެއް ދުރުގައި ކާކުކަން ނޭނގޭ ގޮތަށް ހިޔަންޏެއް ހުއްޓިގެން ހުންނަ ތަން ފެނިގެންދެއެވެ.

ޓްރެއިލާއިން ޝައުގުވެރި ލީނާގެ ބަސްކޮޅުތަކެއް ފެނިގެންދިޔައެވެ. ނުޒުހަތު ޝުއައިބާއެކު ސަކަރާތުގެ މަންޒަރު ފެނިގެންދިޔަ އިރު ލީނާގެ ލޯބިވެރިޔާ އަލީ އާޒިމް (ދޮން އައްޔަ) އާއެކު ހޭދަކުރާ ލޯބި ވަގުތުކޮޅުވެސް ފެނިގެން ދިޔައެވެ. އަދި ލީނާގެ ގާތިލް މުއާ (ޒުހޫރު) ވެސް ޓްރެއިލާއިން ފެނިގެންދިޔައެވެ.

ހިތަށް ކެތް ނުކޮއްލެވޭ ފަދަ ގިނަ މަންޒަރުތަކެއް ފެނިގެން ދިޔަ އެ ޓްރެއިލާގައި އައްޒަ (ލީނާ) ގެ ފަހު ބަސްކޮޅަކަށް އިވުނީ "އެކަމަކު މި ދުނިޔެ އަހަރެން ހީކުރިހާ އަމާންތަނަކަށް އަހަންނަކަށް ނުވި،"ކަމަށެވެ.

މި ފިލްމުގައި މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް ފެނިގެންދާނެއެވެ.

މަރިޔަމް ހަލީމް ކުޅޭނީ ލީނާގެ މަންމަގެ ރޯލެވެ. ނުޒުހަތު ފެނިގެން ދާނީ ލީނާގެ ބެސްޓް ފްރެންޑްގެ ރޯލުން އެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯޑް

    ޓްރެއިލާގެ ލިންކް އެޑް ކޮށްލިނަމަ، ވަރަށް ފުރިހަމަވިސް

  2. ޑުބޮރުކި

    ކޮބާތަ ވީޑިއޯ؟

  3. މިލާ

    މިފިލްމު ރަގަޅައްގެނެސް ދެވޭނެ ބާ؟ އަޒުލީނާގެ ގާތިލް އަދިވެސް ދުނިޔޭގައި އެބަހުރި

  4. ލޮލް

    ޒުހޫރެއް ނޫން ޒުހޭރު

  5. އަސްލު

    ފޮޓޯ ގައި އައްޒައަށް ދީފައިވާ ކަމަށް ދައްކާފައިވާ އަނިޔާ އަށްވުރެން މާބޮޑު އަނިޔާތަކެއް، އަސްލުގަ އަޒްލީނާއަށް ދީފައިވެ އެވެ. އަޒްލީނާގެ ކަރުގެ ލަގޮނޑިވަޅު ވެސް އޮތީ ކޮނެލާފަ އެވެ. އެނުބައި ޢަމަލު ހިންގި ޤާތިލު ޒުހޭރު، ބޮޑު ތުނބުޅިއެއް ބަހައްޓައިގެން އޭގަ އޮރެންޖުކުލަ ޖައްސާފަ، އަތްދިގު ގަމީސް ލައިގެން މަގުމައްޗަށް ނިކުމެ އުޅުނަކަސް، އެއީ އަޒްލީނާގެ ޤާތިލުކަން އެނގޭބަޔަކު ވެސް އެބަތިއްބެވެ.