އެއް އިރެއްގައި ސްމާޓްފޯނުގެ ދުނިޔޭގެ އެންމެ އުސް ހަރުފަތުގައި ފިޔަޖަހަމުންދިޔަ އެއް ބްރޭންޑްކަމުގައިވާ ބްލެކްބެރީ މޯބައިލް ފޯނު މޮޑިފައި ކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރީގައި ބޭނުންކުރުމަށް ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ކެނެޑާގެ ކުންފުންޏެއްކަމުގައިވާ ފެންޓޮމް ސެކިއާރ ނަމަކަށްކިޔާ ކުންފުންޏަކުން ވަނީ ބްލެކްބެރީގެ ސްމާޓްފޯނުތަކެއް މޮޑިފައިކޮށްގެން މެކްސިކޯގެ ޑްރަގް ވިޔަފާރީގެ އެންމެ ވަރުގަދަ ސިނަލޯއާ ކާޓެލް ފަދަ ބައެއް ގުރޫޕުތަކަށް ވިއްކައިގެން އެތައް މިލިއަން ޑޮލަރެއް ފައިދާގެ ގޮތުގައި ހޯދާފައެވެ.

އެމެރިކާގެ އޮފިޝަލުން އެ މައްސަލައިގައި ފެންޓޮމް ސެކިއާރ ކުންފުނީގެ އިސްވެރިޔާ ވިންސެންޓް ރާމޮސް އެގައުމުގެ ސިއެޓްލްއިން ހައްޔަރުކުރިއިރު އޭނާގެ ކުންފުނިން ދިޔައީ ވަރަށް ވަރުގަދައަށް އެންކްރިޕްޓް ކުރެވިފައިވާ ބްލެކްބެރީގެ ސްމާޓްފޯނު މަސްތުވާތަކެތީގެ ވިޔަފާރީގެ އެންމެ ފުންނާބު އުސް ބައެއް ގުރޫޕުތަކަށް ވިއްކަމުންނެވެ.

އެ ކުންފުނިން ވިއްކަމުންދިޔަ ސްމާޓްފޯނުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް މަސައްކަތްކުރާ އެޖެންސީތަކަށް އެ ފޯނުތަކުން މައުލޫމާތު ހޯދުމަށް ވަރަށް ދަތިކުރުވާފަދަ ގޮތަކަށް އެންކްރިޕްޓް ކުރެވިފައިވާ ފޯނުތަކެކެވެ. ބްލެކްބެރީ އަކީ ސަލާމަތީ ކަންކަން ވަރުގަދަކަމަށް ނަން މަޝްހޫރު ފޯނެކެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާވެސް ވެރިކަންކުރެއްވިއިރު ބްލެކްބެރީ ފޯނެއް ގެންގުޅުއްވީ އެ ސަބަބަށްޓަކައިކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ.

ބްލެކްބެރީއިން އެ ކުންފުނީގެ ފޯނުތައް މޮޑިފައިކޮށްގެން ވިއްކިކަމުގެ މައްސަލައިގައި ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. އެމެރިކާގެ އިސް އޮފިޝަލުން ވަނީ މޮޑިފައިކޮށްގެން ވިއްކަމުންދިޔަ ސްމާޓްފޯނުތަކުން ހިންގެމުންދިޔަ ކުށްތަކަށް ފެންޓޮމް ސެކިއާރ ކުންފުނިން ޒިންމާ އުފުލަންޖެހޭނޭކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު