މީގެ އެތައް ޒަމާނެއްގެ ކުރިންވެސް އެކިއެކި ސިފަ ސިފައިގާ ބާލީސް ބޭނުން ކުރެއެވެ. އެއީ ގާގަނޑެއް ނޫނީ، ފޮތި ގަނޑެއް ނަމަވެސް ބޯ ދަށަށް ލައްވައިގެން ނިދުމަކީ އިންސާނީ ތަބީއަތެވެ.

ބާލީހަށް މި ޒަމާނުގައި ބޭނުން ކުރާ މަޑު، އަދި އަރާމު ކަފަގަނޑެއް އެ ޒަމާނު ބޭނުން ނުކުރި ނަމަވެސް، އޭރުވެސް ބާލީސްއައީ ބޭނުން ކުރަމުންނެވެ. މި ފަހަކަށް އައިސް، ދުނިޔޭގެ ތަރައްގީއާއެކު ބާލީސްވެސް ލަގްޒަރީވެ، އަރާމުވެއްޖެއެވެ. އަދި ބާލީހަކީ ވަންނާނެ ގެދޮރެއް ހުރެ، ނިދާނެ ތަނެއް ހުރި ކޮންމެ މީހަކަށް ޒަރޫރީ އެއްޗެކެވެ. ހުދު ޖަލު ގޮޅީގައިވެސް ބާލީސް ދޭނެއެވެ.

ޔުނިވާސިޓީ އޮފް ރޮޗެސްޓާ މެޑިކަލް ސެންޓަރުން ކުރި ދިރާސާއެއް ދައްކާ ގޮތުން އިންސާނާގެ މައިބަދައަކީ އޭގެ ޒާތުގައިވެސް ގުދެއްލާފައި ހައްދަވާފައިވާ އެއްޗަކަށްވާ އިރު، މައިބަދަ އޭގެ އަސްލު މަގާމުގައި ރެސްޓް ކުރުމަށް ބާލީސް ވަރަށް މުހިއްމެވެ. އަދި ނިދާފައި އޮންނަ އިރު، ހަށިގަނޑުގެ އެލައިންމެންޓް ހަމައަކަށް އަޅުވައިދޭ އެއްޗަކީވެސް ބާލީސް ކަމަށް ދިރާސާ ބުނެއެވެ. އަދި އެކިއެކި ގޮތްގޮތަށް ނިދާ އިރު، ތަފާތު ބާލީސް ބޭނުން ކުރުން ބުއްދިވެރި ކަމަށްވެސް އެ ދިރާސާގައި ބުނެއެވެ.

ރަނގަޅަށް މައިބަދަ އެލައިން ނުވެ އޮވެ ނިދާނަމަ، ހުޅުހުޅުގައި ރިއްސުމާއި، މަސް ގަނޑަށް ތަދުއެރުން ދިމާވާނެ ކަމަށް ދިރާސާގައި ބުނެފައިވާ އިރު، މައިބަދައިގެ ޑިސްކް ގުޓާލުމުގައިވެސް ނިދުމުގައި ގެންގުޅޭ އާދަތަށް މުހިއްމު ކަމަށް ވެއެވެ.

ނޭޝަނަލް ސްލީޕް ފައުންޑޭޝަން ބުނާ ގޮތުން 99 ޕަސެންޓް މީހުންނަކީ ނިދުމުގައި ބާލީސް ބޭނުން ކުރާ މީހުންނެވެ. އަދި 27 ޕަސެންޓަށްވުރެ ބޮޑު އާބާދީއެއް ތިން ބާލީހަށްވުރެ އިތުރަށް ނިދުމުގައި ބޭނުން ކުރެއެވެ. އެހެން ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި ނިދުމަށް އެންމެ ރަނގަޅީ ދެ ބާލީސް ބޭނުން ކުރުމެވެ.

އަރިއަކަށް އޮވެ ނިދާނަމަ ބޯ ދަށަށް ދެ ބާލީސް ލެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދިރާސާއިން ދައްކާފައިވާ އިރު، ބަންޑުން އޮވެ ނިދާނަމަ، ތުނި ދެ ބާލިސް، ފައިކޮޅަށް އެއް ބާލީސް، ބޯ ދަށަށް އެއް ބާލީސް ލެއްވުން އެއީ ޑޮކްޓަރުން ލަފާ ދޭ ގޮތެވެ. އަދި އުއްޑުން އޮވެ ނިދާނަމަ ބޯ ދަށަށް، ކަނދުރާ އުފުލޭވަރުގެ ބާލީހެއް ލެއްވުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.