ސައުތު ވެސްޓް އެއާލައިންސްގެ ފްލައިޓެއްގައި ތުއްތު ކުއްޖަކު ދަތުރުކުރަން ބިރުގަތުމުގެ ސަބަބުން އެ ކުއްޖާ އާއި އެ ކުއްޖާގެ ބައްޕަ ފްލައިޓުން ބޭރުކުރެވޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ތުއްތު ކުއްޖާ ދަތުރުކުރަން ބިރުގަތީމައި ފްލައިޓްގެ އޮފިޝަލުން ވަނީ އެ ކުއްޖާއާއި އެ ކުއްޖާގެ ބައްޕަ ކައިރީގައި ފްލައިޓުން ފޭބުމަށް އަންގައިފައެވެ.

އެ މަންޒަރު ވިޑިއޯކޮށްފައިވަނީ ފްލައިޓުގައި ދެން ތިބި ފަސެންޖަރުންނެވެ. އެތަނުން އެކަކު ވަނީ އެ ތުއްތު ކުއްޖާ ދަތުރުކުރަން ބިރުގަތުމުގެ ސަބަބުން އެ ކުއްޖާގެ ބައްޕަ އާއި އެއް ގޮނޑިއެއްގައި އިށީނދެ އިނުމަށް މަސައްކަތްކުރިކަމަށް ކިޔައިދީފައެވެ. އެހެންނަމަވެސް އެ ހިސާބުން ފްލައިޓް އެޓެންޑެންޓެއް އައިސް އެ ކުއްޖާ ހަމަޖެއްސުމަށްފަހު އަމިއްލަ ގޮނޑީގައި ބޭންދުމަށް އެ ކުއްޖާގެ ބައްޕަ ކައިރީގައި ވަނީ ބުނެފައެވެ.

އެހާ ހިސާބުން އެ ކުއްޖާގެ ބައްޕަ އެ ކުއްޖާއަށް ޕޮޕްކޯން ގަނެދިނުމަށްފަހު އެ ކުއްޖާ އަމިއްލަ ގޮނޑީގައި ބޭންދިކަމަށް ފްލައިޓްގެ ދެން ތިބި ފަސެންޖަރުން ކިޔައިދިންއިރު އެ ކުއްޖާ އެހިސާބުން ހުރީ ހަމަޖެހިފައިކަމަށްވެސް އެ ފަރާތްތަކުން ވަނީ ކިޔައިދީފައެވެ. އެހެންނަމަވެސް ފްލައިޓް އެޓެންޑެންޓުން އޭގެ ފަހުން އައިސް އެ އާއިލާ ފްލައިޓުން ފޭބުމަށް އެންގިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ކުއްޖާގެ ބައްޕަ އެ ކުއްޖާ ހަމަޖެއްސުމަށް މަސައްކަތްކުރަމުންދިޔަ ގޮތް ފްލައިޓް އެޓެންޑެންޓަކަށް ކިޔައިދިންއިރު އެހެން އަންހެން ފްލައިޓް އެޓެންޑެންޓެއް އެ ތުއްތު ކުއްޖާއާއި އަޑުގަދަކޮށް މުއާސަލާތްކޮށްފައިވާކަމަށް އެ ކުއްޖާގެ ބައްޕަ ވަނީ އެ އެޓެންޑެންޓަށް ކިޔައިދީފައެވެ.

އެހާ ހިސާބުން އެ ފްލައިޓް އެޓެންޑެންޓް ވަނީ އެ އާއިލާގެ ދަބަސްތައް ހިފައިގެން ފްލައިޓުން ފޭބުމަށް އަމުރުކޮށްފައެވެ. އެ ކުއްޖާގެ ބައްޕަ ވަނީ ފްލައިޓް އެޓެންޑެންޓަށް އެ ކުއްޖާ މިހާރު ހުރީ ހަމަޖެހިގެންކަމަށް ކިޔައިދީ އެގޮތަށް އަމުރުކުރީ ކީއްވެތޯވެސް ސުވާލުކޮށްފައެވެ. އެކަމަކުވެސް ފްލައިޓް އެޓެންޑެންޓް ވަނީ އިތުރު ވާހަކަތަކެއް ނުދެއްކުމަށް އަންގައި އެ ފްލައިޓުން އެ އާއިލާއަށް ދަތުރުނުކުރެވޭނޭކަމަށް ބުނެފައެވެ. ދެން ފެނިގެން ދަނީ އެ ކުއްޖާގެ ބައްޕަ އެ ކުއްޖާ އުރައިގެން ފްލައިޓުން ފައިބާތަނެވެ.

https://www.youtube.com/watch?v=wEcLAkpn4pY

އެ އާއިލާ ފްލައިޓުން ބޭރުކުރެވުނު މައްސަލައިގައި އެތައް ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ހިތްހަމަނުޖެހުން ފާޅުކޮށް ސައުތުވެސްޓު އެއާލައިނަށް ފާޑުކިޔައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު